އިލެކްޓްރިކް ވެހިކަލްތަކުގައި ފެހިކުލައިގެ ނަންބަރު ބޯޑު ހަރުކުރަން 60 ދުވަސް ދީ "އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދު" އިސްލާހުކޮށްފި އެވެ.

އިއްޔެ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ ގަވާއިދު އިސްލާހުކޮށް ގެޒެޓްކޮށްފަ އެވެ. އެ ގަވާއިދުގައިވާ ގޮތުގެ މަތީން އިއްޔެއިން ފެށިގެން 60 ދުވަހުގެ ތެރޭގައި އިލެކްޓްރިކް ވެހިކަލްތަކުގެ ނަންބަރު ބޯޑު ފެހި ކުލައަށް ބަދަލުކުރަން ޖެހޭނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކުރީން ވިދާޅުވީ މި ބަދަލަކީ އިލެކްޓްރިކް އުޅަނދުތައް ފަސޭހައިން ދެނެގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ގެނައި ބަދަލެއް ކަަމަށެވެ.

އިލެކްޓްރިކް ކާރުތަކުގައި ފެހިކުލައިގެ ނަންބަރު ބޯޑު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިޔާދަ ކުރަނިވި ހަކަތައަށް ދޭ އަހަމިއްޔަތުކަމުގެ ސިޔާސަތުގެ ދަށުން، ނިންމި ނިންމުމެއްކަމަށް އަމީން ވިދާޅުވިއެވެ.