ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ތިން ބާރު ވަކިވެފައި މި އޮތް ދުސްތޫރީ ނިޒާމަށް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫން ކަމަށް އެޓާނީޖެނެރަލް (އޭޖީ) އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ވޯޓުގެ މައްސަލައިގައި، ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ދައްކަވަމުން އުޝާމް ރޭ ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމަށް ގެންނަ ބަދަލެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ކަމަށާއި، އެއީ ވަރަށް ބޮޑު ގާނޫނީ ބަދަލެއް ކަމަށްވެސް ބައެއް މީހުން ގަބޫލުކުރާ ކަމަށެވެ.

ނަމަވެސް އުޝާމް ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ އިންތިހާބީ އޮނިގަނޑަށް އަންނަ ބަދަލެއް ނަމަވެސް، މިއީ ރާއްޖޭގެ އަސާސީ ދުސްތޫރީ އޮނިގަނޑަށް ގެނެވޭ ބަދަލެއް ނޫންކަމަށެވެ.

"މި ބަދަލު ގެނަޔަސް ދުސްތޫރީ ނިޒާމަށް އެއްވެސް ބަދަލެއް ނާންނާނެ، ދެވަނަ ކަމަކަށް ރައްޔިތުންގެ ވޯޓުން ރައީސަކު ހޮވުން، އަދި ރައްޔިތުންގެ ވޯޓުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހޮވުން، އެކަމަށްވެސް އެއްވެސް ބަދަލެއް އަންނާނެ، އެހެންކަމުން އަސްލު ދުސްތޫރީ ނިޒާމަަށް އެއްވެސް ބަދަލެއް ނާންނާނެ" އުޝާމް ވިދާޅުވިއެވެ.

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް މި ގެންނަ ބަދަލަކީ އެކަށީގެންވާ މަޝްވަރާ ނުކޮށް، އަވަސް އަރުވާލައިގެން ގެންނަ ބަދަލެއް ކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ބަންޑާރަ ނައިބު ވިދާޅުވީ މިކަމަކީ ސަރުކާރުން ވަރަށް ބޮޑަށް ދިރާސާކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި މަންދޫބުންގެ މެދުގައިވެސް ފުޅާ ދާއިރާއެއްގައި މިކަމަށް ބަހުސް ކުރެވިފައިވާ ކަމަށެވެ.

ކޮމެޓީ މަރުހަލާގައި ސިޔާސީ ޕާޓީތަކާއި ކަމާބެހޭ އެހެނިހެން ފަރާތްތަކުގެ މަޝްވަރާ ހޯދައި، އާންމުންގެ ހިޔާލަށްވެސް މިކަން ހުޅުވާލެވުނު ކަމަށް އުޝާމް ވިދާޅުވިއެވެ.

އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ވޯޓުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ، ގާނޫނުއަސާސީއަށް މަޖިލީހުން ގެނައި އިސްލާހު ތަސްދީގު ކުރުމާ ގުޅޭގޮތުންނެވެ. އެ އިސްލާހުގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތީހާބާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވައި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ވަނީ ފާސްކޮށްފައެވެ.

ދެ އިންތިހާބު އެއްކޮށްލަން ފެނޭތޯ، ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު، އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ކައުންސިލް އިންތިހާބުގެ ވޯޓާއެކު ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ.