ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ކަންކަން ސަރުކާރުން ކުރިއަށް ގެންދަނީ ގާނޫނުއަސާސީއާ އެއްގޮތަށްކަމަށް އެޓާނީ ޖެނެރަލް އޮފީސް (އޭޖީއޯ) އިން ބުނެފިއެވެ.

މި ވޯޓު ނަގަން ނިންމާފައި އޮތީ، އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ކައުންސިލް އިންތިހާބާއެކުއެވެ. ނަމަވެސް ގާނޫނުއަސާސީއާ ހިލާފަށް އެ ވޯޓު ނެގުމުގެ ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށްބުނެ ސުޕްރީމް ކޯޓަށް ވަނީ ދެ ދުސްތޫރީ މައްސަލައެއް ހުށަހަޅައިފައެވެ.

އެ މައްސަލަ ހުށަހަޅާފައިވަނިކޮށް އޭޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާއި އެ ވޯޓު ނެގުމަށްޓަކައި ގާނޫނުން ތަސައްވުރުކުރާ އިޖުރާއަތާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭގޮތަށް ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރަމުންދާ ކަމަށެވެ.

އޭޖީ އޮފީހުން ބުނީ ކައުންސިލްތަކުގެ އިންތިހާބާއެކު ކުރިއަށްދާނެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓަކީ، ގާނޫނުއަސާސީއަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިއަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވަން ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށްޓަކައި ނަގާ ހިޔާލު ހޯދުމުގެ ވޯޓެއް ކަމަށެވެ.

ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލަކީ، ދެ މަގުސަދެއް ހާސިލްކުރުމުގެ ގޮތުން އެކުލަވައިލާފައިވާ ބިލެއްކަމަށް އޭޖީ އޮފީހުން ބުންޏެވެ.

"އެގޮތުން، އެންމެ ފުރަތަމަ މަގުސަދަކީ، ރިޔާސީ އިންތިހާބާ އެކުއެކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމެވެ. ދެވަނަ މަގުސަދަކީ، ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަށް އިދާރީ ގޮތުން މަގުފަހިކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު 1 ޑިސެންބަރުގައި ފެށޭގޮތަށް، މަޖިލީހުގެ ދައުރު ގުނުމުގެ އުސުލު ބަދަލުކޮށް، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ފަސް އަހަރު ދުވަހަށް ވުރެ ކުރުކުރުމެވެ.،" އޭޖީ އޮފީހުން ބުންޏެވެ.

ގާނޫނުއަސާސީއިން ރާއްޖޭގެ ދުސްތޫރީ ނިޒާމު ބައްޓަންކޮށްފައިވާ ގޮތަށް ބަލާއިރު، ގާނޫނުއަސާސީއަށް ގެންނަ ބައެއް އިސްލާހުތަކަކީ، ރައްޔިތުންގެ ބަހެއް ނެތި، ތަސްދީގުކޮށް އަމަލުކުރަން ފެށޭނެ އިސްލާހުތަކެއް ނޫންކަމަށް އޭޖީ އޮފީހުން ބުންޏެވެ.

"ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ބިލެއް ގާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގުކުރުމުން ކަމަށާއި، 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ވަކި މާއްދާތަކެއް އިސްލާހުކުރާ ނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަންވާނީ، އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއްގައި، ވޯޓުދިން މީހުންގެ އައުލަބިއްޔަތުން އެ އިސްލާހެއް ގެނައުމަށް ފެންނަކަމުގައި ނިންމައިފިކަމަށްވާ ނަމަ، ކަމަށް ބަޔާންކޮށްފައިވެއެވެ" އޭޖީ އޮފީހުން ބުންޏެވެ.

ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެއް މާއްދާއަކީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އެވެ. ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ގުނުމުގެ އުސޫލު ބަދަލުކުރުމަށްޓަކައި، އިސްލާހުކުރެވޭ މާއްދާއަކީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

"ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ އެއް މާއްދާއަކީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އެވެ. ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ގުނުމުގެ އުސުލު ބަދަލުކުރުމަށްޓަކައި، އިސްލާހުކުރެވޭ މާއްދާއަކީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) ކަމަށްވާތީ، ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކޮށް އަމަލުކުރަން ފެށޭނީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފެންނަ ނުފެންނަ ވޯޓުގައި ބައިވެރިވާ ރައްޔިތުންނަށް އެ ބިލު ތަސްދީގުކުރަން ފެންނަނަމައެވެ.،" އޭޖީ އޮފީހުން ބުންޏެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ލާޒިމުވާ ހާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ގަރާރަކުން އެކަން ކަނޑައަޅަންވާނެ ކަމަށާއި، އެ ގަރާރުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ މައްސަލައިގެ ނުވަތަ ސުވާލުގެ ފުރިހަމަ އިބާރާތާއި، އެ މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބާއި، ވޯޓު ނެގުމަށް އެދި ހުށަހަޅާ މުއްދަތު ހިމަނަންވާނެކަމަށް "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު" ގައި ބަޔާންކޮށްފައިވާކަމަށް އޭޖީ އޮފީހުން ބުންޏެވެ.

"މި އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިން، 16 ފެބުރުވަރީ 2026 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގަރާރު ނަންބަރު 2/2026 ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގަރާރު ނެރުއްވާފައެވެ.،" އޭޖީ އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި އެކަށައަޅުއްވާފައިވާ ސުވާލަކީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ.

ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ލާޒިމްކުރަނީ އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް އިސްލާހު ކުރުމަށްޓަކައި، ރައްޔިތުން ރުހޭތޯ ބެލުމަށް ވޯޓެއް ނެގުންކަމަށް އޭޖީ އޮފީހުން ބުންޏެވެ. އަދި އެކަން ކުރުމުގެ އިޖުރާއަތު ބަޔާންކުރަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައިކަމަށް އޭޖީ އޮފީހުން ބުންޏެވެ.

"ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނާ އެއްގޮތަށް އޮތް ސުވާލެއް ކަމާއި، ރައްޔިތުންނަށް ހުށަހެޅިފައިވާ ސުވާލަކީ ގާނޫނުއަސާސީއަށް ގެނެވޭ އަށް ވަނަ އިސްލާހުން ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އިސްލާހުކޮށް ތައާރަފުކުރާ އުސޫލަށް އަމަލުކުރަން ފެންނަކަން ނުވަތަ ނޫންކަން ވަޒަންކުރެވޭ ސުވާލަކަށްވުމުން، ގާނޫނުއަސާސީން މިކަމާ ގުޅިގެން ތަސައްވުރުކުރާ ޝަރުތު ފުރިހަމަވީކަމަށް ބެލެވޭނެއެވެ.،" އޭޖީ އޮފީހުން ބުންޏެވެ.

އެކަން އެނޫންގޮތަކަށް މާނަކުރުމަކީ ގާނޫނީ އަދި ދުސްތޫރީ އުސޫލުތަކާ ތައާރަސްވާނެކަމެއް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

"ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅިގެން ސަރުކާރުން މިހާތަނަށްވެސް އަމަލުކޮށްފައިވާނީ، ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.،" އޭޖީ އޮފީހުން ބުންޏެވެ.