މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހއ. ދިއްދޫ ޝަރުމީނާ މަންޒިލް މުހައްމަދު އަރީފް ކަމަށެވެ.

އޭނާ ހައްޔަރުކުރީ ސްރީލަންކާ ރައްޔިތެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރުނު މައްސަލައެއްގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

މީނާގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބުނެފައިވަނީ، ފޭރުމުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ މީނާއަކީ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ.

އެހެންކަމުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި، 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.