ގާޒީ ބިލްޑިން ހުރި ތަނުގައި ޕާކެއް ހަދަން ރޯޑް ޑިވެލޮޕްމަންްޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓަރު އަބްދުލް މުއްތަލިބު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ މަލަމަތި ރީތިކޮށް ތޮއްޖެހިފައިވާ މިމާލޭގައި ހިތްފަސޭހަ މައިޒާންތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ގާޒީ ބިލްޑިން ހުރި ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްގެން މިހާރު ވަނީ ފަށާފައިވާ ކަމަށެވެ.

އެ މަޝްރޫއާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ. ނަމަވެސް އެ ޕޯސްޓުގައި ހިއްސާކުރައްވައިފައިވާ ކުރެހުމުގައިވާ ގޮތުން އެ ޕާކު ތަރައްގީކުރަނީ އިށީނދެ ތިބެވޭނެ ގޮތަށް ބެންޗުތަކާއި އަދި ހިތްފަސޭހަކަން އިތުރުކުރުމަށް ގިނަ އަދަދެއްގެ ގަސް ހިމެނޭ ގޮތަށެވެ.

ގާޒީ ބިލްޑިން އިމާރާތް ހުރި ބިން މިހާރު ބޭނުންކުރަނީ ޕާކިން ޒޯނެއްގެ ގޮތުގަ އެވެ. އެ އިމާރާތް ތަޅާލާފައިވަނީ ވަރަށް ބޮޑަށް ބާވުމުގެ ސަބަބުން 2023 ވަނަ އަހަރުގެ ތެރޭގަ އެވެ.