ޖަނަވާރުންނަށް ގޯނާކުރުމާއި އިހާނެތިކޮށް ހިތައި މަރާ މީހުން އަދި އެއްވެސް ބެލެހެއްޓުންތެރިކަމެއް ނެތި މަގުމައްޗަށް އެއްޗެތި ދޫކުރާ މީހުން، ޖަލަށްލުމާއި ޖޫރިމަނާކުރުން ފަދަ ގާނޫނުގައިވާ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް ބުނާ މައްސަލައެއް ފުުހުން ތަހުގީގުކުރަމުން އަންނައިރު، އެކަމާ ގުޅިގެން އެނިމަލް ވެލްފެއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މިހާރަކަށް އައިސް ރާއްޖޭގައި ބައެއް ފަރާތްތަކުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތައި ހާނިއްކަކުރުމާއި މަރާލުމުގެ އިތުރުން، އެތަކެއްޗަށް އަޅައިނުލައި ދޫކޮށްލާކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށާއި މިކަންކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށެވެ.

މިނިސްޓްރީން ބުނީ ޖަނަވާރުންނަކީ ވޭނާއި ބިރާއި ތުރާ އިހުސާސްކުރެވޭ ފުރާނަ ހުރި މަހުލޫގުންނަށް ވީހިނދު، އެ ތަކެއްޗަށް އޯގާތެރިކޮށް ހިތުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީ ގޮތުންނާއި ގާނޫނީ ގޮތުންވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.

މިނިސްޓްރީން ބުނީ، ދާދި ފަހުން ތަސްދީގުކުރެވުނު "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނު" (25-2025) ގެ ދަށުން، ޖަނަވާރުންނަށް ލިބިދޭން ޖެހޭ އަސާސީ ހައްގުތައް މިހާރު ވަނީ ގާނޫނީ ގޮތުން ކަނޑައަޅައި ކަށަވަރުކޮށްދީފައެވެ.

ބައިނަލްއަގުވާމީ މިންގަނޑުތަކަށް ރިއާޔަތްކޮށް އެކުލަވައިލައިފައިވާ މި ހައްގުތަކުގެ ތެރޭގައި ހިމެނެނީ:

  • ހައިހޫނުކަމާއި ކަރުހިއްކުމާއި ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން.
  • ބިރުގަތުމާއި ހާސްވުމާއި ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން.
  • ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަން.
  • ވޭނާއި ހާނީއްކައާއި ބަލިން މިންޖުވުމުގެ މިނިވަންކަން.
  • އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން.

މިނިސްޓްރީން ބުނީ، އެ ހައްގުތަކަކީ، ގާނޫނީ ގޮތުން ރައްކާތެރިކަން ދީފައިވާ ހައްގުތައް ކަމަށާއި އެހެންކަމުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތައި، އަނިޔާކޮށް މަރައި ނުވަތަ ނުބަލައި ދޫކޮށްލާ ފަރާތްތަކާމެދު، މި ގާނޫނުގެ ދަށުން ޖޫރިމަނާކުރުމާއި ޖަލަށްލުން ފަދަ ހަރުކަށި ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، ގާނޫނުގެ 80 ވަނަ މާއްދާ ކަމުގައިވާ "ޖަނަވާރުންނަށް އިހާނެތިކޮށް ހިތުމާއި އާންމު ތަންތަނަށް ޖަނަވާރު ދޫކޮށްލުން" މި މާއްދާގެ ދަށުން ހާއްސަ އުސޫލުތަކެއް ތަރުތީބުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

އެ މާއްދާގައި ކަނޑައަޅާފައިވާ މުހިންމު ނުކުތާތަކަކީ:

  • (ހ) ޖަނަވާރުންނަށް އިންސާނިއްޔަތުކަމެއް ނެތް އެއްވެސް ބާވަތެއްގެ އިހާނެތި އަމަލެއް ހިންގުމަކީ ނުވަތަ އެފަދަ އެއްޗަކަށް ގޯސްކޮށް ހިތުމަކީ މަނާކަމެކެވެ.
  • (ށ) ގޭގޭގައި ގެންގުޅޭ ޖަނަވާރުތައް، އެއްވެސް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލުމަކީ މަނާކަމެކެވެ.
  • (ނ) މި މާއްދާގެ (ހ) އާ ޚިލާފުވާ ފަރާތްތައް، އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 5,000 (ފަސްހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
  • (ރ) މި މާއްދާގެ (ށ) އާ ހިލާފުވާ ފަރާތްތައް، އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، 5,000 (ފަސްހާސް) ރުފިޔާއާއި 10,000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ، ޖަނަވާރުންނާމެދު އަނިޔާވެރިވުމުގެ އަމަލެއް ފާހަގަވެއްޖެ ނަމަ، ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ހިއްސާ އޮތް އިޖުތިމާއީ ޒިންމާއެއް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.