ލަންކާގައި ކޮންޓްރޯލް ކޮށްގެން ތެޔޮ ވިއްކަން ފަށައިފިއެވެ.

ލަންކާ ސަރުކާރުން މި ފިޔަވަޅު އަޅާފައި މިވަނީ މެދުއިރުމަތިން ތެޔޮ ލިބުމުގައި ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލަންކާ ސަރުކާރުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން އާންމުންގެ ބޭނުންތަކަށް ތެޔޮ ހޯދުމަށް ބޭނުންކުރާ ހާއްސަ ޕޯޓަލް އެއް މެދުވެރިކޮށް ވަކި މިންވަރަކަށް ތެޔޮ ދޫކުރުމަށް ވަނީ ނިންމައިފައެވެ.

ލަންކާގެ މިނިސްޓްރީ އޮފް އެނާޖީން ބުނެފައިވާ ގޮތުގައި ޕޯޓަލް މެދުވެރިކޮށް ހާއްސަ ކިއުއާރް ކޯޑެއް ދޫކުރާނެއެވެ. ކޮންމެ ވެހިކަލަކަށްވެސް ކިއުއާރް ކޯޑް މެދުވެރިކޮށް ތެޔޮ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ތެޔޮ ދޫކުރުން ލަންކާ ސަރުކާރުން ލިމިޓް ކޮށްފައިވާއިރު އެ ގައުމުގައި ދުއްވާ ކޮންމެ ސައިކަލަކަށް ހަފުތާއަކު ފަސް ލީޓަރު އަދި ކާރުތަކާއި އޮޓޯތަކަށް ހަފުތާއަކު 15 ލީޓަރުގެ އިތުރުން ވޭންތަކަށް 40 އަދި ބަސް ތަކަށް 60 ލީޓަރުގެ ތެޔޮ ލިބޭނެ ކަމަށް މިނިސްޓްރީ އޮފް އެނާޖީން ބުނެއެވެ.

ލަންކާގައި ތެޔޮ ދޫކުރުމަށް ކޮންޓްރޯލް ގެނެސް ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާއިރު އާންމުން ވަނީ ޕެޓްރޯލް ޝެޑް ސަރަހައްދުތަކުގައި ކިޔޫ ޖައްސަން ފަށައިފައެވެ.