ކުޑަކުއްޖަކު ކުށްކުރުވުމަށް ބޭނުންކޮށް، އެކްސްޕްލޮއިޓްކޮށް، މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތި ޓްރެފިކް ކޮށްގެން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 30 ދުވަސް ކުރިމިނަލް ކޯޓުން އިތުރު ކޮށްފިއެވެ.

އެ ދެމީހުންނަކީ، މ. ނާޒްލީމަންޒިލް / މާލެ، ހަސަން ނުއާޒު (28އ) އާއި ވ. ސެޓެލައިޓް / މާލެ، އަހަމަދު ނައީމް (39އ) އެވެ.

މި ދެމީހުން އެކްސްޕްލޮއިޓް ކޮށްފައި ވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ.

ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ޑްރަގް އެންފޯސްމަންޓް އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މާލެ ސަރަހައްދުން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައެވެ.

އެއިރުން ފެށިގެން މައްސަލައިގެ ތަހުގީގަށް މިދެމީހުން ބަންދުކޮށްފައި ބެއިތިއްބުމަށްފަހު ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކުރިމަނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން އިއްޔެއިން ފެށިގެން 30 ދުވަހުގެ މުއްދަތަށް އެ ދެމީހުން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހިމެނޭ ނުއާޒުއަކީ މި މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްކަމަށާއި، މީނާ މި އަމަލު ހިންގާފައި ވަނީ ކުޑަކުއްޖަކު ބައިވެރިކޮށްގެންކަމަށެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތެއްގެ އެކައުންޓުން މީނާގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފާ ކޮށްފައިވާކަމަށާއި، މި މައްސަލައިގައި ހުށަހަޅާފައިވާ ފޯނު އިންޓަސެޕްޓް ޓްރާންސްކްރިޕްޓަށް ބަލާއިރ،ު މީނާއަކީ، މި މައްސަލައިގައި ހިމެނޭ ކުޑަކުއްޖާ މެދުވެރިކުރުވައިގެން މަސްތުވާތަކެތީގެ މުއާމަލާތް ހިންގުވާ ފަރާތެއްގެ ގޮތުގައި ފާހަގަވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ހިމެނޭ އަހަމަދު ނައީމަކީ ނުއާޒުއާ ދެމެދުގައި ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތް ކޮށްފައިވާ ފަރާތެއް ކަމަށާއި، މީނާއަކީ މަސްތުވާތަކެތި ވިއްކާ ހެދުމުގައި ކާޓަލް ހިންގުމުގައި އިސްކޮށް އުޅޭ މީހެއްކަމަށްވެސްް ފާހަގަ ކޮށްފައިވެއެވެ.