ކައްކާ ގޭހުގެ އިތުރު ޝިޕްމެންޓެއް އަންނަ ހުކުރު ދުވަހު އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭހަށް ލިބޭނެ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދީފައިވާ ހަމަލާތަކާއެކު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލާއި ގޭސް ލިބުން ދަތިވެ، އެ ތަކެތީގެ އަގު ވަނީ އުފުލިފައެވެ. އެކަމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ 20 ޕަސަންޓު ތެޔޮ ދަތުރުކުރާ ރޫޓު ކަމަށްވާ "ހޮރުމޫޒް ކަނޑުއޮޅި" އީރާނުން ބަންދުކުރުމުންނެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ގޭހުގެ ޑިމާންޑު ބޮޑުވުމުން ގޭސް މިިހާރު ވިއްކަމުން އަންނަނީ ކޮންޓްރޯލްކޮށްގެން ކަމަށާއި ނަމަވެސް އަންނަ ހަފްތާގެ ހުކުރު ދުވަހު ގޭހުގެ އާ ޝިޕްމަންޓެއް ރާއްޖެ އަންނާނެ ކަމަށެވެ.

"10 ކިލޯ ފުޅީގައި ފަސް ކިލޯ އަޅާފަ ހުންނާނީ 100ރ. އަށް. އެހެންވެ އަގަށް ވަކި ބަދަލެއް ނާދޭ" އޮފިޝަލު ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، ގޭސް މެނޭޖުކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

އެސްޓީއޯއިން ވަނީ މި މަހުގެ ތެރޭގައި ތެލުގެ އާ ޝިޕްމަންޓެއްވެސް ރާއްޖެ އަންނާނެ ކަމަށް ބުނެފައެވެ.