ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގެ ތަހުގީގަށްފަހު ބަންގްލަދޭޝް މީހަކު 100،000 (އެއް ލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް 23 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

ފުލުހުން އިއްޔެ ބުނީ ތަހުގީގަށްފަހު މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން މަސްތުވާތަކެތި އެތެރެކުރި ކަމުގެ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ސޮހަބް މިއަގެ މައްޗަށެވެ.

އެމްޑީ ސޮހަބް މިއަގެ މައްޗަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާ އުފުލާފައިވަނީ، 2024 ޖޫން 28 ވަނަދުވަހު ޔޫއެސް ބަންގްލާ އެއާލައިންސްގެ BS337 ފްލައިޓުން ރާއްޖެ އައިއިރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން އޭނާގެ ފޮށިތަންމަތި އެކްސް-ރޭ ކުރުމުގެ ތެރޭގައި ތުހުމަތު ކުރެވިގެން، އިތުރަށް ބަލައި ފާސްކުރި އިރު އޭނާ ގެންގުޅުނު ލެޕްޓޮޕް ބޭގެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓެއް ފެނިފައިވާ މައްސަލައިގައެވެ.

އޭނާގެ އަތުން ފެނުނު އެ ތަކެތި ތަހުލީލު ކުރިއިރު، އެއީ 535.6632 ގްރާމްގެ މެތައެމްފަޓަމިން ކަން ފުލުހުންނަށް ކަށަވަރުވެފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި، ހެކި އެއްކުރުމާއި، ފެނުނު ތަކެތި ތަހުލީލުކުރުމުގެ އިތުރުން މައްސަލައިގައި ބައިވެރިވި ފުލުހުންގެ ބަޔާންތައް ނަގައި، ކޯޓަށް ބޭނުންވާ އެންމެހައި ހެކިތައް ވަނީ ހުށަހަޅާފައި ކަމަށެވެ.

ފުލުހުންގެ ތަހުގީގަށް ބިނާކޮށް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ދައުވާ އުފުލީ ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގައެވެ.

ކްރިމިނަލް ކޯޓުން އޭނާ އުމުރަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް އެ މައްސަލަ ބެލުމަށްފަހު، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައި. އެއާއެކު، މައްސަލައާ ގުޅިގެން ކުރީގެ މަރުހަލާތަކުގައި ބަންދުގައި ހުރި މުއްދަތު ކެނޑުމަށްފަހު، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އޭނާ 23 އަހަރާއި 3 މަހާއި 25 ދުވަހަށް ޖަލަށްލުމަށާއި، 100,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންނާއި ގާނޫނު ތަންފީޒުކުރާ އެހެނިހެން މުއައްސަސާތަކުން ގުޅިގެން ކުރަމުންދާ ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާކަމަށް ފުލުހުން ފާހަގަކުރެއެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ފުލުހުން ދަނީ ކުރަމުންނެވެ.