މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސްކޫލުތަކާއި އޮފީސް ހުޅުވާގަޑި މަދުކޮށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ސޯޝަލްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެސްޓީއޯ އަދި ޕްރައިވެޓް ސެކްޓާ ހިމެނޭހެން ރާއްޖޭގައި ރައްކާކުރެވެނީ 70 މިލިއަން ލީޓަރުގެ ޑީސަލާއި 25 މިލިއަން ލީޓަރުގެ ޕެޓްރޯލް ކަމަށެވެ.

ނަޝީދު ވިދާޅުވީ އެއީ 20 ދުވަހުގެ ސްޓޮކް ކަމަށާއި ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަމުން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

ނަޝީދުގެ ޕޯސްޓުގައި އަޅަން ފެންނަކަމަށް ލަފާކޮށްފައިވާ ފިޔަވަޅުތައް:

  1. ރާއްޖޭގެ ޕްރައިވެޓް ސެކްޓާގެ ފިއުލް ސްޓޯރޭޖް ކެޕޭސިޓީ ދެނެގަތުން
  2. ކަރަންޓު ކަނޑާ ގަޑިގަޑި ކަނޑައެޅުން
  3. އެއްގަމު އުޅަނދުފަހަރު ދުއްވުން ކޮންޓްރޯލް ކުރުން
  4. އޮފީސްތަކާއި ސްކޫލްތައް ހުޅުވާ ވަގުތު މަދުކުރުން
  5. އިޖުތިމާއީ ހަރަކާތްތައް މަދުކުރުުން
  6. މަސްވެރިކަމާއި ރިސޯޓުތަކަށް ތެޔޮ ކަށަވަރު ކުރުން
  7. އޭވިއޭޝަން ފިއުލް ކަށަވަރުކުރުން
  8. ހުޅަނގު އޭޝިއާ ހުރަސްކުރަން ނުޖެހޭ މަތިންދާބޯޓު އަދި ކަނޑުބޯޓުފަހަރުގެ ރޫޓްތައް ހޯދައި ސަޕްލައި ލައިން ބަދަލުކުރުން

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޖެޓް ފިއުލް ވިއްކާ އަގު މިހާރު ވަނީ ބޮޑުކޮށްފައެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުގައި ޖެޓް ފިއުލްގެ އަގު 1.19 ޔޫއެސް ޑޮލަރުން 1.69 ޔޫއެސް ޑޮލަރަށް މިހާރު ވަނީ ބޮޑުކޮށްފައެވެ. 50 ސެންޓުގެ މި ތަފާތަކީ ޖެޓް ފިއުލްގެ އަގަށް އައި %42 ގެ ބޮޑުވުމެކެވެ.

ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގުތައް މަތިވަމުންދާތީ އަގަށް ބަދަލު ގެނައުމަކީ މަޖުބޫރު ކަމެކެވެ. އެމްއޭސީއެލްއަށް ޖެޓް ފިއުލް ފޯރުކޮށްދޭ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ތެޔޮ އެތެރެކުރަނީ މައިގަނޑު ގޮތެއްގައި އޮމާނުންނެވެ. ބައިނަލްއަގުވާމީ ބާޒާރުގައި ސާފު ނުކުރާ ތެލާއި ސާފުކޮށްފައިވާ ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖެއަށް އޭގެ ސީދާ އަސަރު ކުރާނެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ފާއިތުވި ހަފުތާތަކުގައި ބައިނަލްއަގުވާމީ ބާޒާރުގައި ޖެޓް ފިއުލްގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ޖެޓް ފިއުލް ހިމެނޭހެން ސާފުކޮށްފައިވާ ތެޔޮ ލިބުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ޖެޓް ފިއުލްގެ އަގުތައް ވަނީ ޕެންޑެމިކަށްފަހު އެންމެ މަތިވި މިންވަރަށް އުފުލިފައެވެ. މީގެ ސަބަބުން ތެލަށް ބަރޯސާ ވާ ރާއްޖެ ފަދަ ގައުމުތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.