ބޯކޮށް ވާރޭ ވެހޭ ނަމަ މަރީގެ އާއިލާ ތިބޭން ޖެހެނީ ހޭލައެވެ. ފުރާޅުން ފެން ފައިބާތީ، ސަތަރިގަނޑެއް ދަމައިގެން އެތަން ނިވައިކުރެވޭތޯ މަސައްކަތް ކުރުމުގައެވެ. ބޮޑެތިވަމުން އަންނަ ތިން ފިރިހެން ކުދީން ނިދާ ކޮޓަރީގައި ވައި ދައުރުވާނެ ގޮތެއް ނެތުމުން، އިންތިހާއަށް ހޫނުގަދަ އެވެ. ނުނިދިގެން އެ ކުދީން ރޯ އަޑު އެހުމަކީ މަރީގެ ހިތަށް ކުޅަދާނަ ކަމެއް ނޫނެވެ.
މިއީ މަމްސް އެއިޑް ޖަމިއްޔާއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ "ހިޔާވަހި" ކެމްޕެއިންގެ ދަށުން މިއަހަރު އެހީތެރިކަން ފޯރުކޮށްދިނުމަށް ހޮވާފައިވާ މަރީ (އަސްލު ނަމެއް ނޫން) ގެ އާއިލާގެ ހާލަތެވެ. ފަސް ކުދީންގެ ޒިންމާ ނަގަމުން، އިންތިހާއަށް ދަތި ހާލުގައި ދިރިއުޅެމުން އަންނަ މަރީއަކީ 2023 ވަނަ އަހަރުން ފެށިގެން މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ރަޖިސްޓަރީކޮށް، އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ހިތްވަރުގަދަ މައެކެވެ.
ހިތްދަތި މާޒީއާއި ހިތްވަރުގަދަ މަންމަ
މަރީގެ ހަޔާތުގެ ސޮފުހާތައް ފުރިފައިވަނީ ހިތްދަތިކަމާއި ވޭނުންނެވެ. ކުޑައިރު މައިންބަފައިން ވަކިވިއެވެ. ގްރޭޑް ހައެއްގައި ކިޔަވަމުން ދިޔައިރު، ހަނގާކުރުމުގެ ޝިކާރައަކަށް ވިއެވެ. ފަގީރުކަމުގެ ސަބަބުންނެވެ. އޭގެ ފަހުން އެހެން ރަށެއްގައި ހުރި ތިމާގެ މީހެއްގެ ގޭއަށް ބަދަލުވާން މަޖުބޫރުވިއެވެ. ބަދިގޭގައި ނިދާން ޖެހުނެވެ. ސައިހޮޓަލެއްގައި މަސައްކަތްކުރަމުން ކިޔެވުން ކުރިއަށްގެންދެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ނަފުސާނީ ގޮތުން ބަލިކަށިވެ، ކިޔެވުން ހުއްޓާލަން މަޖުބޫރުވިއެވެ. އެއަށްފަހު މާލެ ބަދަލުވެ، އުމުރުން 18 އަހަރުގައި ބަނޑުހައިހޫނުކަން ތަހައްމަލުކުރަމުން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭތޯ އޭނާ ގަދައަޅައި މަސައްކަތްކުރިއެވެ.
މަރީގެ ފުރަތަމަ ކައިވެންޏަކީ އޭނާގެ ހަޔާތަށް އައި އެންމެ ބޮޑު ތޫފާނެވެ. އިންޑިއާއިން ދިމާވި، އުމުރުން ދިހަ އަހަރު ދޮށީ މީހަކާ ކައިވެނިކުރިތާ މަހެއް ނުވަނީސް އޭނާގެ އަނިޔާވެރިކަން ފެންނަން ފެށިއެވެ. ފިހާރައިގައި މަސައްކަތްކުރަނިކޮށް ވަރުބަލިވެގެން ވެއްޓި ފުރަތަމަ ދަރިފުޅު ބައިގެންދިޔައެވެ. ދެވަނަ ފަހަރަށް ބަނޑުބޮޑުވެ، ވިހަން ހޮސްޕިޓަލުގައި އޮއްވައި، ފިރިމީހާ އައިސް ޑޮކްޓަރުންނާ ޒުވާބުކޮށް، ގަދަކަމުން ގެއަށް ގެންދިޔައެވެ. އެންމެ ފަހުން ސިޒޭރިއަން ހަދަން ސޮއިކުރަން ޖެހުނީވެސް މަރީގެ މަންމައަށެވެ. އަލަތު ދަރިފުޅު ލިބުމުގެ އުފަލަށްވުރެ ބޮޑަށް މަރީއަށް ތަޖުރިބާކުރަން ޖެހުނީ ބިރުވެރިކަމެވެ.
އެ ކައިވެނީގައި މަރީއަށް ލިބުނު ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ގުނާ އަދަދު ނުކުރެވެއެވެ. ކެއްކި ނޫޑްލްސް ތަށި ހޫނުކޮށް ހުއްޓައި އޭގެ ތެރެއަށް މަރީގެ ބޯ ކޮށްޕައިލުމާއި، ދަރިފުޅަށް ކާންދޭން އިންދައި ޑަމްބެލްއަކުން ޖަހައި އުރަމައްޗަށް ދިން ގެއްލުމުގެ ސަބަބުން އެތައް މަހެއް ވާންދެން ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ. އެތައް އޮޕަރޭޝަނެއްކޮށް، ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހުނެވެ. އެންމެ ފަހުން، މޫނުމަތީގައި ތަޅައި ލޮލުން ލޮލަށް ލޭ އަރާންދެން އަނިޔާކުރުމަށްފަހު އޭނާ ވަރިކޮށްލީއެވެ.
އެ ހިތްދަތި މާޒީއަށްފަހު މަރީއަށް އުންމީދެއް ލިބުނީ އަހުމަދާ ދިމާވި ހިސާބުންނެވެ. މަރީގެ ސިފަޔަށާއި ލަކުނުތަކަށް ބެލުމެއް ނެތި، އަދި ދަރިޔަކު ހުރިކަންވެސް އެނގިހުރެ އަހުމަދު އޭނާއާ ކައިވެނިކުރިއެވެ. އަހުމަދުގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދެ ކުދީންނާއެކު އާއިލާ ބިނާކުރަން ފެށިއެވެ. ނަމަވެސް އަހުމަދަކީ ފުއްޕާމޭގެ ބައްޔެއް ތަހައްމަލުކުރަމުން އަންނަ މީހަކަށް ވުމުން، މާލޭގައި ދިރިއުޅެވެން ނެތިގެން ރަށަށް ބަދަލުވާން ޖެހުނެވެ. ރަށަށް ބަދަލުވެ، މަރީއާއި އަހުމަދަށް އިތުރު ދެ ފިރިހެން ކުދީން ލިބި، މިހާރު އެ އާއިލާގައި ހަތް މީހުން އެބަތިއްބެވެ.
އުންމީދުގެ ހިޔާވައްސެއް ހޯދައިދިނުން
މިއަދު މަރީގެ އާއިލާ ދިރިއުޅެމުން އަންނަނީ އަހުމަދުގެ މަންމަގެ ވަރަށް ދުވަސްވީ، ބާ ގެއެއްގައެވެ. ކުޑަކުޑަ ތިން ކޮޓަރި ހުންނަ އެ ގޭގައި ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑެވެ. ފިރިމީހާގެ ބަލި ހާލަތު ހުންނަ ގޮތުން ގަވައިދުން މާލެ ގޮސް ޑޮކްޓަރަށް ދައްކަން ޖެހޭއިރު، ލިބޭ ކުދަ އާމްދަނީން ދިރިއުޅުމުގެ ޚަރަދުތައް ހަމައެއް ނުޖެހެއެވެ. މަރީގެ ދޮށީ ދަރިފުޅަކީ ޚާއްސަ އެހީތެރިކަން ބޭނުންވާ ކުއްޖަކަށް ވުމުން، ހަފުތާއަކު އެއްފަހަރު ތެރަޕީއަށް އެހެން ރަށަކަށް ދާން ޖެހެއެވެ. އަތްމަތި ދަތިވުމުގެ ސަބަބުން ގަވައިދުން ހަދާން ޖެހޭ އެސެސްމެންޓްތައް ނުހެދި، ކުޑަ ދެ ކުދީންނަށް ބޭނުންވާ ކިރުދަޅު ނަގާން ޖެހެނީވެސް ދަރަންޏަށެވެ.
މިހާ ދަތިހާލުގައި އުޅެމުންވެސް މަރީގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. ދަނޑިއާއި ފަނުން ހަދާފައިވާ ބަދިގެއަކާއި ގިފިއްޔެއް ބޭނުންކުރަމުން، ފަސް ދަރީންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް އޭނާ އަންނަނީ ވަރުގަދަ ގުރުބާނީއެއް ވަމުންނެވެ. އުމުރުން 18 އަހަރުން ދަށުގެ މި ފަސް ކުދީންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަކީ މަރީގެ އެންމެ ބޮޑު ހުވަފެނެވެ.
މަމްސް އެއިޑްގެ "ހިޔާވަހި 2026" ކެމްޕެއިންގެ އަމާޒަކީ މަރީގެ މި ހުވަފެން ހަގީގަތަތަކަށް ހަދައިދިނުމެވެ. މި ޢާއިލާއަށް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށް އާންމުންގެ ދީލަތި އެހީތެރިކަމަށް އެ ޖަމިއްޔާއިން އެދެއެވެ. އެހީތެރިކަން ފޯރުކޮށްދެއްވުމަށް މަމްސް އެއިޑްގެ ރުފިޔާ އެކައުންޓް 7730000294482 ނުވަތަ ޑޮލަރު އެކައުންޓް 7730000294483 އަށް ފައިސާ ޖަމާކުރެވޭނެ އެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް 7349394، 7349393 ނުވަތަ 7349392 އަށް ގުޅުމަށް އެ ޖަމިއްޔާއިން އެދެއެވެ. މިއީ އަނިޔާގެ ކަސްތޮޅުން ސަލާމަތް ވެ، އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތްކުރާ ހިތްވަރުގަދަ މަޔަކަށް ދިއްކޮށްލެވޭނެ އުންމީދުގެ އަތެކެވެ.
މިންހާ ފާއިޒް ރަޝާދު
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް