ރަޝިޔާއިން ތެޔޮ ގަތުމަށް ލަންކާއިން މަޝްވަރާ ފަށައިފިއެވެ.

މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކުން ތެޔޮ ފޯރުކޮށްދިނުން ހުއްޓިފައިވާއިރު ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ތާށިކަން ކުރިމަތިވެފައެވެ.

މެދުއިރުމަތީގެ ތެލަށް ބަރޯސާވެފައިވާ ގައުމުތަކުން އެހެން ސަރަހައްދުތަކުން ތެޔޮ ހޯދަން މިސްރާބު ޖަހާފައިވާއިރު ސްރީލަންކާއިން ވެސް ވަނީ އެކަމުގައި ފިޔަވަޅުތަކެއް އަޅައިފައެވެ.

ލަންކާގެ ފޮރިން މިނިސްޓަރު، ވިޖިތާ ވެރަތް އިއްޔެ ރަޝިޔާއިން އެ ގައުމަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބަސަޑަރު ލިވަން އެސް ޑެޒްހާގަރްޔާން އާއި ބައްދަލުކުރައްވައި ރަޝިޔާގެ ތެޔޮ ލަންކާއަށް ލިބޭނެ ގޮތް ހަމަޖެއްސުމާ ގުޅޭ މަޝްވަރާތައް ފައްޓަވައިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

އިއްޔެގެ މަޝްވަރާއަށްފަހު ރަޝިޔާ ސަރުކާރުގެ އިސްފަރާތްތަކާއެކު އެކަމުގައި ގޮތެއް ނިންމަން ހުށަހެޅުމަށް އެމްބެސެޑަރު، ލިވަން ނިންމަވާފައިވާކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެެވެ.

ލަންކާއިން ރަޝިޔާގެ ތެޔޮ ހޯދަން މަޝްވަރާ ފަށާފައިވާއިރު ލަންކާއިން ވަނީ އިންޑިއާއާ އެކުވެސް އެކަމުގައި މަޝްވަރާކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އިންޑިއާއިންވެސް ލަންކާއަށް އެއްބާރުލުން ދޭން ނިންމާފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.