ހުޅުމާލޭގައި ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލެ ފޭސް 2 ގައި ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާ އިރު، އަނިޔާވެފައިވަނީ ފުލުސް މީހާގެ ރަސްމީ މަސައްކަތުގެ ތެރެއިން ނޫން ކަމަށާއި އެ ހަމަލާގައި އަނިޔާވި ފުލުސް މީހާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ވަށައިގެންވާ ކަންކަން ހިދުމަތުން ބަލަމުންދާ ކަމަށާއި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ. އަދި ތަހުގީގު ކުރިއަށްދާ މިންވަރަކުން އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހިއްސާކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ފުލުސް މީހާގެ ބޯ ވަނީ ފަޅާލައިފައެވެ. އޭނާއަށް ހަމަލާދީފައިވަނީ ހިޔާ ފުލެޓެއްގައި ހުންނަ އެޕާޓްމަންޓެއްގެ ތެރެއިން، މީހެއްގެ އަންބެއް ކައިރިއަށް ވަދެ އޮއްވައި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.