ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ ފައިދާ ކުޑަކޮށްގެންކަމަށް ވިޔަސް، ތެލުގެ އަގު މަތިވިޔަ ނުދީ ހިފަހައްޓާނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ރާއްޖޭގައި ތެލުގެ އަގު މައްޗަށް ދިޔަ ނަމަވެސް ހާލަތު ގޯސްވެގެން ނުދާނެ ކަމަށެވެ. ޒަމީރު ވިދާޅުވީ ތެލުގެ ކަންކަން ހުރީ ރަނގަޅަށް ކަމަށާއި، ތެލުގެ އަގަަށް ބަދަލު ގެނެސްފައިވަނީ ވަރަށް ރަނގަޅަށް ކަންކަން އެނަލައިޒް ކުރުމަށްފަހު ކަމަށެވެ.

"ދެން އަޅުގަނޑުމެން ވަރަށް ނަސީބު ރަނގަޅަށް މިފަހަރު ދިމާވީ. މިއަހަރު ފެށުނުއިރު އެސްޓީއޯއިން 24،500 މެޓްރިކް ޓަނުގެ އާ ބޯޓެއް އޮތީ ގަނެފަ. އެއާއެކު އަޅުގަނޑުމެންނަށް ބޭނުންވާ ތެޔޮ އަބަދުވެސް ޓްރާންސިޓްކޮށް އެބަ ލިބޭ. އަދި 22،000 މެޓްރިކް ޓަނުގެ ބޯޓެއް ވެސް އޮންނާނެ" ޒަމީރު ވިދާޅުވިއެވެ.

"އިތުރަށް އަގު ބޮޑުވާނަމަ، އެސްޓީއޯގެ ފައިދާއިން ބައެއް ސަބްސިޑައިޒްކޮށް އެބްޒޯބް ކުރެވޭނެ ގޮތަށް ދަނީ މަސައްކަތް ކުރަމުން. މާކެޓަށް އައި އަސް ބަދަލަށްވުރެ ރާއްޖޭގައި ވަރަށް ކުޑަ ބަދަލެއް މި އައީ. މިއީ ވަރަށް ނާޒުކުރު ކަމެއް. ވަރަށް ބޮޑަށް އަގުތަކަށް ބަލާފަ ތެލުގެ އަގު ހަދަނީ"

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ތެޔޮ ލިބުމުގައި އެއްވެސް ދަތިކަމެއް މިހާތަނަށް ކުރިމަތިވެފައިނުވާ ކަމަށެވެ. ޒަމީރު ވިދާޅުވީ ތެޔޮ ގެންނަ ތާވަލާއި އެއްގޮތަށް ރާއްޖެއަށް ތެޔޮ ލިބެމުންދާނެ ކަމަށެވެ.

ސަރުކާރުން މިހާރުވެސް ތެލަށް ވަރަށް ބޮޑު ސަބްސިޑީއެއް ދެމުންދާކަމަށް ޒަމީރު ވިދާޅުވިއެވެ. ބާޒާރުގައި ތެލުގެ އަގު ބޮޑުވާނަމަ ދެވަނަ ވިސްނުމަކީ އެސްޓީއޯގެ ފައިދާއިން، އެއަށް ބޭނުންވާ ހަރަދު ހަމަޖެއްސުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.