އެޗްޑީސީއާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތައް ގުޅިގެން، ހުޅުމާލޭ ފޭސް 2ގައި މިއަދު ހަވީރު "އަވަށްޓެރި ރޯދަ ވީއްލުން" ބާއްވަން ތައްޔާރުވެއްޖެ އެވެ.

އެޗްޑީސީން މިއަދު ބުނީ މި ހަރަކާތް އޮންނާނީ މިއަދު 18:00 ގައި، ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޕާކު ސަރަހައްދުގައި ކަމަށެވެ.

މިއީ، މި އަހަރުގެ ރޯދަ މަހު އެޗްޑީސީން އިސްނަގައިގެން ބާއްވާ މިފަދަ ތިންވަނަ ރޯދަ ވީއްލުމެވެ.

އެޗްޑީސީ އަދި އެފްޑީސީ ގުޅިގެން މިއަހަރުގެ ފުރަތަމަ ރޯދަ ވީއްލުން ބޭއްވީ، ހުޅުމާލޭ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ އެފްޑީސީ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެންނެވެ. އެއަށްފަހު، ހުޅުމާލޭ ފޭސް އެކެއްގެ ހުރަވީ ސްކޫލް ކުރިމަތީގައިވެސް ވަނީ އެފަދަ ރޯދަ ވީއްލުމެއް ބާއްވާފައެވެ.

9 މާޗް 2026: ފޭސް އެކެއްގައި ކުރިޔަށްގެންދިޔަ "އަވައްޓެރި ރޯދަ ވީއްލުން" --- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ހުޅުމާލޭގެ ރައްޔިތުންނާއި އެޗްޑީސީ އަދި ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށްގެންދާ "އަވައްޓެރި ރޯދަ ވީއްލުން" ހަރަކާތުގެ މަގުސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުމެވެ.

އެގޮތުން، އެޗްޑީސީއާއި ރައްޔިތުން ގުޅިގެން މިދިޔަ އަހަރުވެސް ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އަވައްޓެރި ރޯއްދަވީއްލުންތައް ބާއްވާފައެވެ.

އެޗްޑީސީގެ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ކަމަށް އެ ކުންފުނިން ބުނެއެވެ. ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުމަކީ އެކުންފުނީންގެ އަމާޒު ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.