މި ސަރުކާރުގެ ބޯހިޔާވަހިކަން ސްކީމުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކެޓަގަރީގެ ޝަރުތުތަކަށް ބަދަލުތަކެއް ގެނެސް، އެ ކެޓަގަރީން ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދުވަނީ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު" އިސްލާހުކޮށް ގެޒެޓުކޮށްފައެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ކެޓަގަރީގެ ޝަރުތުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ މިހާރު އެ ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހެޅޭނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތަކަށް ކަމަށެވެ.
އެ ފަރާތްތަކުން ފުލެޓަށް ކުރިމަތިލާއިރު، މީގެ ކުރިން ކަނޑައަޅާފައިވާ މުއްދަތުތައް އެ ފަރާތްތަކުގެ މައްޗަކަށް ނުހިނގާނެ ގޮތަށް އުސޫލު އިސްލާހުކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. އެއީ، މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ، މަދުވެގެން އެއް އަހަރު ދުވަސް އަދި މާލޭގައި ދިރިއުޅޭ އެހެން ރަށެއްގެ ރަށްވެއްސެއް ނަމަ، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައި ވާންޖެހޭނެ ކަމަށް މީގެ ކުރިން ކަނޑައަޅާފައިވާ ޝަރުތުކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެ ފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރި ކަމަށް، އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ގްރޭޓާ މާލެ ސަރަހައްދުން ވޭތުވެދިޔަ އެއް އަހަރު ފަރުވާ ހޯދައިފައިވާ ފަރާތަކަށް ނުވަތަ މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި ފަސް އަހަރު ވެފައިވާ މީހަކަށް ވާންޖެހޭނެ ކަމަށެވެ.
އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން އެޕްރީލް މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
ފޯމު ހުށަހަޅަން ޖެހޭނީ، https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށްކަމަށް މިނިސްޓްރީން ބުންޏެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ