ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން ޑޮލަރު ހުރި ބްރީފްކޭސްއެއް ފޭރުނު މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާކޮށްފައިވާކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ވީއައިއޭގެ ޓާމިނަލް 1 ގައި ހުންނަ ބީއެމްއެލްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ އަޅާފައިވާ ސޫޓް ކޭސްއެއް، ވަޅިން ބިރުދެއްކުމަށްފަހު ފޭރިގަނެފައިވާ މައްސަލާގައި އަށް މީހެއްގެ މައްޗަށް ދައުވާކުރުމަށް މިދިޔަ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު އަދި 26 ވަނަ ދުވަހު، ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.
ޑޮލަރު ފޭރުނު މައްސަލައިގައި ދައުވާ ރައްދުވާ ފަރާތްތައް:
- ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދު/ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 213 ވަނަ މާއްދާގެ ދަށުން ފޭރުމުގެ ކުށުގެ ދައުވާ/ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދައުވާ/ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން، މަގުބޫލު ސަބަބެއްނެތި އާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ
- ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލް/ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 213 ވަނަ މާއްދާގެ ދަށުން ފޭރުމުގެ ކުށުގެ ދައުވާ/ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
- ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު/ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 213 ވަނަ މާއްދާގެ ދަށުންނާއި، އެ ގާނޫނުގެ 30 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
ޕީޖީ އޮފީހުން އެ ތިން މީހުންގެ އިތުރުން، ކ. ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދު، ލ. މާވައް، ރޭޝަމް، މާޒިން މޫސާ، މ. ކޯރަސް، އަހުމަދު ރައިހާން ނައީމް، ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް އަދި ރ. މަޑުއްވަރި، މީޒާން، އިސްމާއީލް ސިރްހާންގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 213 ވަނަ މާއްދާގެ ދަށުންނާއި، އެ ގާނޫނުގެ 30 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށެވެ.
"މި ދައުވާތައް ކޮށްފައިވާނީ 27 އޮކްޓޯބަރު 2025 ދުވަހުގެ 4:15 އެހައިކަށްހައިއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އެކްސްޗޭންޖް ކައުންޓަރަށް ގެންދިއުމަށްޓަކައި، 4,900 ޔޫރޯއާއި، 1,735 ޕައުންޑާއި، 2,610 ސިންގަޕޯ ޑޮލަރާއި، 1,345 އޮސްޓްރޭލިއަން ޑޮލަރާއި، 510 ސްވިސް ފްރޭންކާއި، 1,515 ކެނޭޑިއަން ޑޮލަރާއި، 334,000 ޖަޕަނީސް ޔެންއާއި، 10,420 ހޮންކޮންގް ޑޮލަރާއި، 106,120 ޔޫއެސް ޑޮލަރާއި، 23,778 ދިވެހި ރުފިޔާއާއި، 25,000 އިންޑިއަން ރުޕީސްއާއި، 600 ޗައިނީސް ޔުއާން، ސޫޓް ކޭސްއަކަށް އަޅައިގެން ބޭންކް އޮފް މޯލްޑިވްސްގެ ދެ މުވައްޒަފަކު އެއާޕޯޓް އައު ޓާމިނަލްގެ ގޭޓް 1 ގެ ކުރިމަތީގައި ތިއްބައި، އެމީހުންނަށް ވަޅިން ބިރުދައްކައި، އެ މީހުންގެ އަތުގައި އޮތް ފައިސާ އަޅާފައިވާ ސޫޓްކޭސް ފޭރިގަނެފައިވާތީއާއި، އެ ކުށުގެ އަމަލު ފުރިހަމަކުރުމުގައި އެކި ގޮތްގޮތުން ބައިވެރިވެ އެހީތެރިވެފައިވާތީ" ޕީޖީ އޮފީހުން ބުންޏެވެ.
އެ އަމަލުގެ ސަބަބުން ބީއެމްއެލްއަށް ލިބުނު ގެއްލުމުގެ ބަދަލު ދައުވާލިބޭ މީހުންއަތުން ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ވީއައިއޭގެ ޓާމިނަލް-1 އަށް ވަންނަން ދިޔަ، ބޭންކެއްގެ ދެ މުވައްޒަފަކު ގެންގުޅުނު ފައިސާ ހުރި ސޫޓު ކޭހެެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފައިވާ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުގެ ފަތިހު 4:45 އެހާކަންހާއިރެވެ.
މުވައްޒަފުންގެ އަތުން ފައިސާ ފޭރުނީ، ބާ ޓާމިނަލުން އާ ޓާމިނަލަށް ވަންނަން އޮންނަ ވޯކްވޭ ތެރެއިންނެވެ. ފޭރިގަތް މީހުން ހުއްޓުވަން އެ ސަރަހައްދުގައި މަސައްކަތްކުރި ސެކިއުރިޓީ އޮފިސަރެއްގެ ގަޔަށް އެ މީހުން ޕެޕާ ސްޕްރޭ ޖެހިކަންވެސް އެނގިފައިވެއެވެ.
ޑޮލަރު ހުރި ސޫޓު ކޭސް ފޭރިގަތުމަށްފަހު ވަގުން ލޯންޗަކަށް އަރައިގެން ފިލިއެވެ. އެނގިފައިވާ ގޮތުގައި އެ މީހުން ފިލަން ދިޔައީ ކ. ހުރަޔަށެވެ. އެ ރަށުން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ ހުރަޔަށް ގޮސް އެ މީހުން ތިބި ގެސްޓް ހައުސްގެ ތެރޭގައި ޑޮލަރު ގެންގުޅެ އެ ގުނާތަން އެ ތަނުގެ ސީސީޓީވީއަށް އަރާފައިވާ ކަމަށާއި ނަމަވެސް އެއީ އެހާ ގިނަ އަދަދެއްގެ ޑޮލަރު ނޫން ކަމަށެވެ.
އެ މީހުން ހުރައަށް ގޮސްފައިވަނީ ޖެހިގެން އައި ދުވަހުގެ ހެނދުނު 9:00 ޖަހާކަންހާއިރު އެވެ.
މުހައްމަދު އިޝާން
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް