ކަނޑުމަގުން ރާއްޖެއަށް 6 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ރޭ ބުނީ އެ ދެ މީހުން ހައްޔަރުކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް ގެންގުޅެ އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ މއ. ތަރިޖެހިއާގެ / މާލެ، އިސްމާއީލް އަބާން އަބްދުﷲ (25އ) އާއި ސ. މަރަދޫ / ރަތްމާގެ، އަހުމަދު ދާން ފަރްހޫދު (19އ) އެވެ.

ދެމީހުން ހައްޔަރުކުރީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މަހު ފަސް ވަނަ ދުވަހު ކަމަށާއި އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ހަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކުރި ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންގެން އަންނަ ކަަމަށް ފުލުހުން ބުންޏެވެ.