ތިން ކިލޯގެ ޑުރަގާއެކު މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކަށް އަނިޔާކުރިކަމަށް ތުހުމަތު ކުރެވުނު ނަމަވެސް، އެ މީހާގެ ފަރާތުން އެފަދަ ޝަކުވާއެއް ފުލުހަށް ހުށަހަޅާފައިނުވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
އެ ބިދޭސީ މީހާއަށް ފުލުހުން އަނިޔާކުރިކަމަށް ތުހުމަތުވާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
އެކަމާ ގުޅިގެން ފުލުހުން މިރޭ ބުނީ، އެ މައްސަލަ ތަހުގީގުކުރަމުންދާކަން އެޗްއާރުސީއެމުން، ފުލަހަށް އަންގާފައިވާ ކަމަށެވެ. ފުލުހުން ބުނީ އެޗްއާރުސީއެމްގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.
އެ ތުހުމަތުތަކާ ގުޅިގެން ފުލުހުން މިހާތަނަށް ބެލިބެލުމުން، އެ މީހާ ބަންދުކުރުމުގެ މަރުހަލާގައި ނުވަތަ ބަންދުގައި ހުރި މުއްދަތުގައި ވެސް، އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި ބަންދުގެ އިޖުރާއަތްތަކުގެ ތެރެއިން މައުލޫމާތު ސާފުކުރިއިރު ވެސް، އަނިޔާގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާ ކަމަށާއި، ޑޮކްޓަރަށް ދެއްކުމަށްވެސް އެދިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް