އިޓަލިއަން ސެރެެއާ އޭގައި ރޭ އޭސީ މިލާނުން އިންޓަ މިލާންގެ މައްޗަށް ކުރިހޯދައި، ތަށީގެ ރޭހުގައި އުންމީދެއް ހޯދައިފިއެވެ.

ރޭގެ ޑާބީ މެޗަކީ މިފަހަރުގެ ލީގު ތަށްޓަށް މުހިއްމު މެޗެކެވެ. ރޭގެ މެޗަށް ނުކުތް އިރު އިންޓައިން އެއްވަނައިގައި އޮތީ 10 ޕޮއިންޓްގެ ފަރަގަކާއެކުގައެވެ. އޭސީ މިލާނުން ދެވަނައިގައި އޮވެ ރޭގެ މެޗަށް ނުކުމެ އިންޓަ ބަލިކުރީ 1-0 އިންނެވެ.

އެ ނަތީޖާއާއެކު ދެވަނައިގައި މިލާން އޮތީ 28 މެޗުން 60 ޕޮއިންޓާއެކުގައެވެ. އިންޓައިން މިހާރު އެއްވަނައިގައި އޮތީ 28 މެޗުން 67 ޕޮއިންޓާއެކުގައެވެ. ލީގުގައި ދެޓީމަށްވެސް ދެން ބާކީ އޮތީ 10 މެޗެވެ. އެހެންކަމުން އޭސީ މިލާނަށްވެސް ވަނީ ލީގަށް ވާދަކުރުމުގައި ހިތްވަރު ލިބިފައެވެ.

ކުރީކޮޅުގައި އިންޓައިން ނުރައްކާ ކުރި އިރު، ހެންރިކް މިކިތާރިއަންއަށް ލިބުނު ދެ ފުރުސަތެއް އޭނާ އަތުން ބޭކާރުވެގެން ދިޔައެވެ.

އިންޓައިން ކުރީކޮޅުގައި ހަމަލާތައް އުފެއްދި ނަމަވެސް، ގޯލް ޖެހީ އޭސީ މިލާނުންނެވެ. ފުރަތަމަ ހާފު ނިމެން 10 މިނެޓަށްވެފައި ވަނިކޮށް އޭސީ މިލާންގެ ހަމައެކަނި ގޯލް ޖެހީ ޕާވިސް އެސްޓުޕީނަންއެވެ. އެއީ ޔޫސުފް ފޮފާނާ ތަނަވަސްކުރި ފުރުސަތެއްގައި އޭނާ ޖެހި ގޯލެކެވެ.

ދެވަނަ ހާފު ފަށައިގެން އޭސީ މިލާނުން ނުރައްކާ ބޮޑުކުރިއެވެ. ފޮފާނާ ފޮނުވާލި ބޯޅަ އިންޓަ ކީޕަރު މަތަކުރި އިރު، އަނެއްކޮޅުން ފެޑެރީކޯ ޑިމާކޯއަށް ލިބުނު ފުރުސަތު އޭނާ އަތުން ގެއްލުނެވެ.

މެޗުގައި އިތުރު ގޯލެއް ފެނިގެން ގޮސްފައި ނުވާ އިރު، އިންޓައިން ފަހުކޮޅުގައި ކުރި ޕްރެޝަރުން އޭސީ މިލާން ސަލާމަތްވިއެވެ.