ސާފު ނުކުރާ ތެޔޮފީފާއެއްގެ އަގު 115 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރައިފިއެވެ.

އިޒްރޭލާއި އެމެރިކާ އިސްވެ އޮވެ އިރާނަށް ދިން ހަމަލާއަށް ފަހު މެދުއިރުމަތި ހަނގުރާމައަކަށް ވެއްޓިފައިވާއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ ދުވަހެއް ދުވަހަކަށް އުފުލެމުންނެވެ.

މިދިޔަ މަހުގެ ފަހުކޮޅު 65 އެމެރިކާ ޑޮލަރަށް ސާފުނުކުރާ ތެޔޮ ފީފާއެއް ލިބެން ހުރި އިރު މިއަދު އާންމުވެފައިވާ މައުލޫމާތުން ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 115 އެމެރިކާ ޑޮލަރުން މައްޗަށް އަރައިފައެވެެ.

ރިޕޯޓުތައް ބުނާގޮތުން ސާފު ނުކުރާ ތެޔޮފީފާއެއްގެ އަގު މިހަފުތާތެރޭ 120 އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ.

މެދުއިރުމަތީގައި ހަނގުރާމަ ފަށާފައިވާ ސަރަހައްދުގައި އޮންނަ ހޮރުމޯޒް ކަނޑުއޮޅި އިރާނުން ބަންދުކޮށްފައިވާއިރު އެ ސަރަހައްދުން ދަތުރުކުރާ ބޯޓުތަކަށް އިރާނުން ދަނީ ހަމަލާ ދެމުންނެވެ. އެކަމުގެ ސަބަބުން ތެޔޮ އުފުލާ ބޯޓުތަކުން ދަތުރުތައް މަޑުޖައްސާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހޮރުމޯޒު ކަނޑުއޮޅިއަކީ މީގެ ކުރިން ދުވާލަކަށް 15 މިލިއަން ފީފާގެ ސާފު ނުކުރާ ތެޔޮ ދުނިޔޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާ ބޯޓުތަކުން އުފުލާ ސަރަހައްދެކެވެ. މިއީ މުޅި ދުނިޔޭގެ ތެލުގެ ބާޒާރުގެ %20 ތެޔޮ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހޮރުމޯޒު ކަނޑުއޮޅިން ތެޔޮ ބޯޓުތައް ދަތުރުކުރުން ހުއްޓާލާފައިވާއިރު މެދުއިރުމަތީގެ ގިނަ ގައުމުތަކުން ވަނީ ތެޔޮ އުފެއްދުންވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން މަޑުޖައްސާލައިފައެވެ.

އިރާގާއި ކުވައިތުގެ އިތުރުން ޔޫއޭއީއިން ތެޔޮ އުފެއްދުން ހުއްޓާލާފައިވާއިރު އެމެރިކާއާއި އިޒްރޭލުން ވަނީ އިރާނުގައި ތެޔޮ އުފައްދާ ސަރަހައްދުތަކަށް ހަމަލާދީ އެތަންތަނުގެ އޮޕަރޭޝަން ހުއްޓުވައިފައެވެ.