ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން، އެކަމުގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ރައްޔިތުންނަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
"2008 ގެ ރިޔާސީ އިންތިހާބަށް ފަހު، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ، ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑުވެސް ދެކެމެވެ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ވެރިކަމަށް އައުމަށްފަހު ކޮންމެ ސަރުކާރަކުން ވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން 2019 އަދި 2023 ގެ އިންތިހާބުގައި މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުން ދީފައިވާ ކަމަށެވެ.
"އެހެންކަމުން މިހާރު އޮތް ގޮތުން ރައްޔިތުން 5 އަހަރުގެ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބު ކުރާފަރާތަށް މިޖެހެނީ މަޖިލީހުގެ މެޖޯރިޓީ ހޯދަން ވެރިކަމުގެ ފުރަތަމަ 6 މަސްދުވަސް އެކަމުގައި ހޭދަކުރާށެވެ. އަދި މީގެ އިތުރުން މަޖިލީހުގެ އޮތް މެޖޯރިޓީ ބޭނުންކޮށް، އަލަށް އެކުލަވާލާ ސަރުކާރަށް ޖެއްސުންކޮށް، އެސަރުކާރުގެ ފުރަތަމަ ބަޖެޓް ހާވިޔާކޮށްލައި ރައީސަކަށް ހޮވޭ ފަރާތެއްގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަންވެސް ބައެއްފަހަރު ފާއިތުވި މަޖިލީސްތަކުން މަސައްކަތް ކޮށްފައި ވެއެވެ." ގާސިމް ވިދާޅުވިއެވެ.
އެހެންކަމުން ގައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައި ވެސް މިއީ މިހާރު ކުރަން ލަސްވެފައިވާ ކަމެއް ކަމަށެވެ. އަދި މަޖިލީހުން ގެނައި މި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާނީ، ރައްޔިތުންގެ މިކަމަށް އާނބަސް ބުނުމުންކަމަށްވާތީ، އަންނަ އޭޕްރީލް މަހު، ކުރީކޮޅު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާ އެކު އޮންނަ ރައްޔިތުންގެ "ފެންނަ ނުފެންނަ" ވޯޓުގައި ރާއްޖޭގެ ރައްޔިތުން އެގޮތަށް "ފެންނަ" ކަމަށް ވޯޓު ދިނުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.
"އެހެނީ ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ވޯޓު އޮންނަ ދުވަހު، މަޖިލީސް އިންތިހާބު ބޭއްވުމުން ފައިދާ ބޮޑީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިއަންއަށް ވުރެ ގިނަފައިސާ ސަލާމަތް ކުރެވުމާއި އެފައިސާ ރައްޔިތުންގެ އެހެން ބޭނުންތަކަށް ބޭނުން ކުރުމަށް ފުރުސަތު ލިބިގެން ދިއުމާއި މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކާ ގުޅިގެން ސިޔާސީ ނިޒާމުގައި މިހާތަނަށް އުފެދިފައިވާ ހަމަނުޖެހުންތަކާއި އިންތިހާބާ ގުޅުން ހުންނަ ކަމަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތުތައް ވެސް މިކަމުގެ ސަބަބުން ކުޑަވެގެންދާނެކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ،" ގާސިމް ވިދާޅުވިއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ.
ދެ އިންތިހާބު އެއްކޮށް ބޭއްވުމުގެ ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންވެ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.
ރައީސް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެއެވެ. އެގޮތުން ބަޖެޓުން 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް