އެމެރިކާއާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން ފްލައިޓުތައް ކެންސަލްވުމުގެ ސަބަބުން މި ރޯދަމަހުގެ ފަހު 10 އެއްގައި އުމްރާގެ އަޅުކަމަށް ނުފުރިފައި ތިބި 164 ދިވެހި އުމްރާވެރިން، މޯލްޑިވިއަންގެ ޗާޓަރު ފުލައިޓެއްގައި މިރޭ އުމްރާގެ އަޅުކަން އަދާކުރުމަށް ފުރާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިދިޔަ ބުރާސްފަތި ދުވަހު، ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މެދުއިރުމަތީގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމުގެ ސަބަބުން 150 އެއްހާ ދިވެހިންނަށް އުމްރާއަށް ނުފުރިފައި ތިބި ކަމަށެވެ. އެ 150 މީހުންނަކީ ބައެއް ގައުމުތައް މެދުވެރިކޮށް ޓްރާންސިޓްކޮށް ދަތުރުކުރަން ހަމަޖެހިފައި ތިބި މީހުން ނަމަވެސް، ފްލައިޓުތައް ކެންސަލްވުމުން ދަތުރު ވަނީ ހުއްޓިފައިކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި އިރުޝާދާ އެއްގޮތަށް، އިސްލާމިކް މިނިސްޓްރީއާއި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އަދި މޯލްޑިވިއަންއާ ގުޅިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.

"ފްލައިޓް ޗާޓަރު ކުރެވޭނެ ގޮތް ވެއްޖެ ނަމަ މިހާރު ނުފުރި ތިބި 150 މީހުންގެ އިތުރުން ވެސް ޖާގައެއް ހޯދަން ބޭނުންވާ މީހުންނަށް ޖާގަ ހުރި މިންވަރަކުން ދޭނަން. ވަގުތު ކުޑަތަންވެފައި ވުމުން މިކަމުގައި ހުރި ދަތިތައް ހައްލުވޭތޯ މަސައްކަތްކުރަމުންދާ ވާހަކަ ދަންނަވަން،" ޝަހީމް ވިދާޅުވެފައިވެއެވެ.

ޝަހީމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އުމްރާއަށް ފުރުމުގައި އެކި ސަބަބުތައް ދިމާވެގެން ނުފުރުނު 164 އުމްރާވެރިން މިރޭ އުމްރާއަށް ފުރޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

"މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ވަނީ މޯލްޑިވިއަންގެ ފުލައިޓެއް ޗާޓަރުކޮށްފަ. މައްކާގެ އިންތިޒާމުތައްވެސް ވަނީ ހަމަޖެހިފަ" ޝަހީމް ވިދާޅުވިއެވެ.

އުމްރާވެރިންގެ ކަންކަން ހައްލުކުރުމަށް ރައީސް މުއިއްްޒު، ހައްޖު ކޯޕަރޭޝަން އަދި މޯލްޑިވިއަންއިން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވާކަމަށް ޝަހީމް ވިދާޅުވިއެވެ.