ހެންވޭރު މީރުމާގައި ރޭ ބޭއްވި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް) ގެ އަހަރީ އާންމު ޖަލްސާގައި މިއަހަރަށް ލަފާކޮށް، 48.3 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.

ރޭގެ އާންމު ޖަލްސާއަކީ މިއަހަރު އެފްއޭއެމްއާ ހަވާލުވި އާ ލީޑާޝިޕުން ބޭއްވި ފުރަތަމަ އާންމު ބައްދަލުވުމެވެ. ރޭގެ ބާއްދަލުވުމުގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓުވެސް ފާސްކޮށްފައިވާ އިރު، މިއަހަރުގެ ބަޖެޓް ފާސްކުރީ ހުރިހާ ކްލަބުތަކެއްގެ އިއްތިފާގުންނެވެ.

7 މާޗް 2026، މާލެ، އެފްއޭއެމް އޯޑިނަރީ ކޮންގްރެސް 2026ގެ ތެރެއިން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

މިއަހަރަށް ފާސްކުރި ބަޖެޓްގައި އާމްދަނީގެ ގޮތުގައި އެންމެ ބޮޑު ޕަސެންޓެއް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިންނެވެ. އެގޮތުން ފީފާއިން ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 32.7 މިލިއަން ރުފިޔާއެވެ. އޭގެ އިތުރުން ސްޕޮންސާގެ ގޮތުގައި 8.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ސަރުކާރުން މިނިސްޓްރީ މެދުވެރިވެ، 1.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ހިމަނައިފައެވެ. އޮޕަރޭޓިން އެކްޓިވިޓީސްގެ އާމްދަނީގެ ގޮތުގައި، 4.8 މިލިއަން ހިމަނާފައިވާ އިރު، ޖަޕާން އެފްއޭ މެދުވެރިކޮށް، 308،400 ރުފިޔާ ލިބޭނެ ކަމަށް ވަނީ ބަޖެޓްގައި ހިމަނައިފައެވެ.

މިއަހަރަށް ހިނގާނެ ކަމަށް އެފްއޭއެމްއިން ލަފާކޮށްފައި ވަނީ 48.3 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިފަހަރު ފާސްކުރީ 72،741 ރުފިޔާ ފައިދާވާނެ އަރަނި ބަޖެޓެކެވެ.

7 މާޗް 2026، މާލެ، ރޭ ބޭއްވި އެފްއޭއެމް އޯޑިނަރީ ކޮންގްރެސް 2026ގެ ތެރެއިން ޖެނެރަލް ސެކްރެޓަރީ ޒަރީރް --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ބަޖެޓުން ހިނގާނެ އެކިއެކި ހަރަދުތަކުގެ ތަފްސީލަށް ބަލާލައި އިރު، އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ހިނގާފައި ވަނީ މުބާރާތްތަކަށެވެ. އެއީ 27.2 މިލިއަން ރުފިޔާއެވެ. ދިވެހި ޕްރިމިއާ ލީގަށް 6.7 މިލިއަން ރުފިޔާގެ ހަރަދެއް ހިނގާނެ ކަމަށް ވަނީ ކަނޑައަޅައިފައިވެއެވެ. އެގޮތުން މުޅިން އަލަށް ފަށަން ރާވާފައިވާ ފުޓްސަލް މުބާރާތްތަަކަށްވެސް ވަނީ ބަޖެޓް ކަނޑައަޅައިފައެވެ. އެގޮތުން ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕަށް 1.8 މިލިއަން ރުފިޔާއާއި ފުޓްސަލް ލީގަށް 324،500 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

ގައުމީ ޓީމުތަކުގެ ހަރަދުތަކަށް 6.3 މިލިއަން ރުފިޔާ ހިނގާނެ ކަމަށް ކަނޑައަޅާފައިވާ އިރު، އިދާރީ ހިންގުމާއި މުވައްޒަފުންގެ މުސާރައަށް 10 މިލިއަން ރުފިޔާ އަދި އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް އަންހެން ލީގަށް 1.5 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވެސް ވަނީ ރާވާފައެވެ.