ކުދި އަދި މެދުފަންތީ ވިޔަފާރީގެ ހަބަކަށް އައްޑޫ ސިޓީ ހެދުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިރޭ އާޓިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އައްޑޫ ސިޓީއަކީ ކުދި އަދި މެދުފަންތީ ވިޔަފާރީގެ ހަބަކަށް ހެދުމަށް ނިންމާފައިވާ ކަމަށާއި މި އަހަރުގެ ތެރޭގައި އެކަމުގެ ގާނޫނީ އަދި އިދާރީ ކަންކަން ކުރާނެ ކަމަށެވެ.

"1 ޖެނުއަރީ 2027 އިން ފެށިގެން ތިން އަހަރު ދުވަހަށް އައްޑޫ ސިޓީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކޮށް، އިތުރު ފަރާތްތައް އިންވެސްޓުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ އެކި ކަހަލަ ވިޔަފާރިތަކުގެ އިންވެސްޓުކުރާނެ ރަންޒަމާނަކަށް އެ ތިން އަހަރު ހެދުމަށްޓަކައި ބިމު ކުއްޔާއި ޓެކްސް ފްރީ ޒޯނަކަށް ހަދައިދީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއަރައިދިއުމުގެ ވަރަށް ފުރިހަމަ ފުރުސަތުތަކެއް ހުުޅުވާލަން ނިންމާފައި މިވަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އައްޑުއަށް ގޮސް އިންވެސްޓުކުރަން ހުރިހާ ފަރާތްތަކުން ތައްޔާރުވުމަށް ގޮވާލައްވައިފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހަކޮށްދޭން ހުރިހާ ކަމެއްވެސް ކޮށްދޭނެ ކަމަށާއި ބިމު ކުލިވެސް މާފުކޮށްދޭނެ ކަމަށެވެ.

ސަރުކާރާ އެއްވިސްނުމުގެ ކައުންސިލެއް ނެތް ނަމަ އެ ކަންކަމަށް ހުރަސް އެޅޭނެ ކަމަށާއި އެހެންކަމުން ސަރުކާރާ އެއް ވިސްނުމެއްގެ ބަޔަކު ހޮވުން މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.