ކުރިން އޮންނަ ގޮތުން ކެމްޕޭން ޕޯސްޓަރުތަކުގައި ފޮޓޯ ޖެހުމަކީ މަޖުބޫރުކަމެއް ކަމަށާއި ނަމަވެސް ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބުގެ ވޯޓަށް އެ މަނިކުފާނުގެ ފޮޓޯފުޅު ނުޖައްސަވާނެ ކަމަށް ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ" ސިޔާސަތު އިފްތިތާހުކުރުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބެއްވި ޖަލްސާގައި ރައީސް ވިދާޅުވީ ޕީއެންސީން މަސައްކަތްކުރާނީ ޓީމެއްގެ ގޮތުގައި، ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. ކައުންސިލު އިންތިހާބުގެ ކެމްޕޭން ޕޯސްޓަރުތަކުގައި އެ މަނިކުފާނުގެ ފޮޓޯފުޅު ނެތުމުން ގިނަ ބަޔަކު އެކަން ފާހަގަކުރަމުންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ ވެދާނެ އަޅުގަނޑުމެންގެ ތެރޭގައި އަބަދުވެސް ކުރީގައި އޮތް ގޮތަކީ ފޮޓޯ ޖަހަންޖެހޭ. ނުޖަހައިފިއްޔާ ކުށްވެރިވާ ކަހަލަ ގޮތެއް. އެހެންވީމާ ފޮޓޯ ޖަހަން މި ބޭފުޅުން ވަރަށް ބޮޑަށް ގާތުގައި އެދުނު. އަޅުގަނޑު ދެންނެވިން ފޮޓޯ ޖަހާނެ ކަމެއް ނެތޭ، ދޫންޏޭ އިންނަންވާނީ. އެ ދޫންޏޭ އަޅުގަނޑުމެން ޕްރޮމޯޓުކުރާނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕީއެންސީއަކީ ވަކި މީހެއްގެ އެއްޗެއް ނޫން ކަމަށާއި އެ ޕާޓީއަކީ ހުރިހާ މެންބަރުންގެ ޕާޓީއެއް ކަމުން، ޕީއެންސީން ޕްރޮމޯޓުކުރާނީ ޕާޓީ ކަމަށެވެ. އަދި ޕީއެންސީއަކީ ޕާޓީ ނިޒާމަށް ފުރިހަމައަށް ތަބާވާ، ޕާޓީ ނިޒާމު ކުރިއެރުވުމަށްޓަކައި މަސައްކަތްކުރާ، ޑިމޮކްރަސީއަށް ލޯބިކުރާ ޕާޓީއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޕީއެންސީގެ ކޮންގްރެސް އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ބޭއްވުމަށް އެ ޕާޓީގެ ލީޑާޝިޕުން ނިންމާފައިވާކަން ވެސް ރައީސް މިރޭ އިއުލާންކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު