އައްޑޫ ސިޓީގައި ސަރުކާރުން ގާއިމުކުރާ ސެންޓްރަލް ޕަވާ ސްޓޭޝަނާއެކު އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޕީއެންސީގެ "ދަ ގްރޭޓާ އައްޑޫ އިވެންޓް" ގައި ރައީސް ވިދާޅުވީ، އެ މަޝްރޫއުގެ މަސައްކަތްތައް އަންނަ އަހަރުގެ ޖުލައި މަހަށް އެއްކޮށް ނިމިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއު ނިންމުމުން އެ ސިޓީގައި 20 އަހަރު ދުވަހަށް ކަރަންޓުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

"26 މެގަވޮޓުގެ ކަރަންޓު ފޯރުކޮށްދޭނެ ނިޒާމު އިރާދަކުރެވިއްޔާ މި އެއްބަސްވުމުގެ ދަށުން ގާއިމުކުރެވިގެންދާނެ. މި އަންނަ އަހަރުގެ ޖުލައިމަހާ ހަމައަށްދާއިރު އިރާދަކުރެއްވިއްޔާ މުޅިން އެކުގައި މި މަޝްރޫއު ނިމި، ކުރިއަށްއޮތް 20 އަހަރު ދުވަހަށް އައްޑޫސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުވެެންދާނެ." ރައީސް ވިދާޅުވިއެވެ.

ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ އިތުރުން އައްޑޫގައި 48 މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އޭގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށި އަނެއް މަޝްރޫއުތަކުގެ އިދާރީ މަސައްކަތްތައް ކުރަނުން އަންނަ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި އަހަރުގެ ބަޖެޓުގައިވެސް އައްޑޫއަށް ހާއްސަ 18 މަޝްރޫއެއް އެބައޮތް ކަމަށެެވެ.