ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ފްލެޓުތައް ކުއްޔަށްދޭ ނަމަ، އެތަނުގެ ވެރިފަރާތް ބައި ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމަށް، އެތަންތަން ކުއްޔަށް ދޭ ފަރާތްތައް ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ފަހި ފުލެޓެއް ކުއްޔަށް ދޭން އިއުލާންކޮށްފައިވާ މައްސަލައަކާ ގުޅިގެން ހަމްދާން މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މައްސަލައާ ގުޅޭ މައުލޫމާތު ލިބުމާއެކު އެ މައްސަލަ ތަހުގީގުކުރުމަށް އެފްޑީސީގެ ޓީމަށް އަންގަވާފައިވާނެ ކަމަށެވެ.
އެފްޑީސީން ދޫކުރާ ފުލެޓުތަކަކީ އެހެން ބަޔަކަށް ކުއްޔަށް ދިނުން (ސަބް-ލީޒް ކުރުން) މަނާ ތަންތަން ކަމަށާއި އެއީ ކުއްޔަށް ހިފާ ފަރާތާއެކު ވެފައިވާ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް ޝަކީލު ވިދާޅުވިއެވެ.
"އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކޮށްފައިވާ ޔުނިޓްތައް އުސޫލާ ހިލާފަށް ކުއްޔަށްދޭ ފަރާތްތައް ހޯދުމުގެ މަސައްކަތް އެފްޑީސީން ވަރަށް ހަރުދަނާކަމާއެކު ކުރިއަށް ގެންދާނެއެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް 50,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމާއެކު، އެ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރެވޭނެއެވެ..،" އޭނާ ވިދާޅުވިއެވެ.
ޝަކީލް ވިދާޅުވީ ދައުލަތުން ބޮޑު ސަބްސިޑީއެއް ދީގެން ފޯރުކޮށްދޭ މިފަދަ އިޖުތިމާއީ ބޯހިޔާވަހިކަން، ނަފާ ހޯދާ ވިޔަފާރިއަކަށް ބަދަލުކުރުމަކީ ބޯހިޔާވަހިކަމުގެ މަޝްރޫއިތަކުގެ އަސާސީ މަގުސަދު ގެއްލި، ކޮންމެ ދިވެހި ރައްޔިތެއްގެ ހައްގަށް އުނިކަން އަންނަ، އަދި އަހުލާގީ ގޮތުންވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމުން ދުރުހެލިވެ، އެންމެންގެ ލާބައަށް މަސައްކަތްކުރާ ޒިންމާދާރު ބަޔަކަށްވުމަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަހި ފުލެޓެއް ކުއްޔަށް ދިން މައްސަލައެއް މިދިޔަ މަހުގެ 24 ވަނަ ދުވަހު ވެސް ވަނީ ފެންމަތިއެވެ. އެ ފަހަރުވެސް އެފްޑީސީން އިމާރާތްކޮށްފައިވާ ފުލެޓުތަކުގެ ތެރެއިން އަމާން އުދަރެސްގެ ފުލެޓެއްގައި ބިދޭސީންގެ ލޭބާ ކުއާޓާ ހަދަން ކުއްޔަށް ދޫކޮށްފައިވާ މައްސަލައެއްގައި އެތަނުގެ ވެރިފަރާތް ބައިލައްކަ ރުފިޔާއިން ޖޫރިމަނާކުރިއެވެ.
އެ މައްސަލާއާ ގުޅިގެން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ޝަކީލް "ވަން" އަށް އެ ދުވަހު ވިދާޅުވީ ބިދޭސީ ބަޔަކަށް އަމާން އުދަރެސް ފުލެޓެއް ކުއްޔަށް ދިންކަން އެނގުނު ހިސާބުން އެކަމަށް އެ ކޯޕަރޭޝަނުން ފިޔަވަޅު އަޅައި އެ ފުލެޓުގެ ވެރިފަރާތް ބައި ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އަމާން ފުލެޓުތަކުގެ އިތުރު މައްސަލަތަކަށް އަލިއަޅުއްވާލަމުން ޝަކީލް ވިދާޅުވީ އަމާން އުދަރެސްގެ އެހެން ތަނެއްވެސް ވެރިފަރާތް ދިވެހި އާއިލާއަކަށް ކުއްޔަށް ދީފައިވާ މައްސަލަ ވެސް ލިބިފައިވާ ކަމަށެވެ. އޭގެ އިތުރުންވެސް އެ ފުލެޓުތަކުގެ އަސްލު ކުއްޔަށްވާ 9،000 ރުފިޔާއަށްވުރެ ބޮޑު އަދަދުން، 25،000 ރުފިޔާއަށް ވެސް ފުލެޓުތައް އެހެން އާއިލާތަކަށް ކުއްޔަށްދޭ މައްސަލަ ވެސް ފެންމަތިވަމުން އަންނަކަން ފާހަގަވެފައިވާ ކަމަށެވެ.
ފަހި ފުލެޓުތައް ލިބުނު ފަރާތް ނޫން އެހެން ފަރާތަކުން ފުލެޓުތަކުގައި ދިރިއުޅުމަކީ މަނާ ކަމެކެވެ. އެއީ، ފުލެޓު އަތުލެވިދާނެ ހާލަތެއް ކަމަށް ފުލެޓު ދޫކުރާ އެއްބަސްވުމުގައި ހިމަނާފައި އޮވެއެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އެފްޑީސީން އިމާރާތްކޮށްފައިވާ ފުލެޓުތައް ހަވާލުކުރަން ފެށިފަހުން، އެފްޑީސީއަށް ދައްކަންޖެހޭ ކުލީގެ އަގު ޑަބަލްކޮށް ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޭ މައްސަލަ ވަނީ ފެންމަތިވެފައެވެ.
ފާތިމަތު ލިއުޝާ
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން