ގައުމީ އެއާލައިން، މޯލްޑިވިއަނުން އިންޑިއާގެ ޓްރެވެންޑްރަމަށް ދަތުރުކުރާ ފަރާތްތަކަށް އަނަންތަޕޫރީ ހޮސްޕިޓަލްސް އެންޑް ރިސާޗް އިންސްޓިޓިއުޓުން ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)އިން މިރޭ ބުނީ އެ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަނަންތަޕޫރީ ހޮސްޕިޓަލާއެކު މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށެވެ. އައިލެންޑް އެވިއޭޝަނުން ބުނި އެ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ސިއްހީ ފަރުވާ ހޯދުމަށް ޓްރެވެންޑްރަމަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭހަ އަދި އަގުހެޔޮ ހިދުމަތްތަކެއް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

އެއްބަސްވުމުގެ ދަށުން ދަށުން މޯލްޑިވިއަނުން ދަތުރުކުރާ ފަރާތްތަކަށް އަނަންތަޕޫރީ ހޮސްޕިޓަލުން ލިބޭނެ ޑިސްކައުންޓުތައް:

  • ހެލްތު ޗެކަޕް: ހުރިހާ ހެލްތު ޗެކަޕް ޕެކޭޖްތަކަކުން 15 ޕަސަންޓް ޑިސްކައުންޓް
  • އޯޕީޑީ އަދި ރޭޑިއޮލަޖީ: އައުޓް ޕޭޝަންޓް އަދި ރޭޑިއޮލޮޖީގެ ހިދުމަތްތަކުން 10 ޕަސަންޓް ޑިސްކައުންޓް
  • އިތުރު ޑިސްކައުންޓް: އައުޓް ޕޭޝަންޓް އަދި އިން ޕޭޝަންޓްގެ އެކި ހިދުމަތްތަކުން ހާއްސަ ޑިސްކައުންޓްތަކެއް
  • ޓްރާންސްފާ: ޓްރެވެންޑްރަމް އެއާޕޯޓުން ހޮސްޕިޓަލަށް ދިއުމަށް ހިލޭ އެމްބިއުލާންސް ދަތުރު

އައިލެންޑް އެވިއޭޝަނުން ބުނީ ބަލިމީހުންނަށް ބޭނުންވާ އެޕޮއިންޓްމެންޓްތައް ހަމަޖެއްސުމާއި، ހޮސްޕިޓަލުގެ އެހެނިހެން ހިދުމަތްތައް ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ވަކިން ހާއްސަކޮށް، އުމުރުން ދުވަސްވީ ފަސިންޖަރުންނަށް އެހީތެރިވުމަށްޓަކައި، އިނގިރޭސި ބަހުގެ އިތުރުން ދިވެހި ބަހުން ވާހަކަދައްކަން އެނގޭ މުވައްޒަފުން އެސިސްޓެންޓުންގެ ގޮތުގައި ތިބޭނެކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ.

މޯލްޑިވިއަނުން ޓްރެވެންޑްރަމަށް ދަތުރުކުރާ ފަސެންޖަރުން އެ ހިދުމަތްތައް ބޭނުންވާ ނަމަ، އަނަންތަޕޫރީ ހޮސްޕިޓަލަށް ގުޅައިގެން ކުރިއަށްދިއުމަށް އެދޭކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ.