ޒިކުރާ މިސްކިތް ހުރި ބިމުގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް ބިނާކުރުމަށް ބޭނުންވާ އެހީ ހަމަޖެހި، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒިކުރާ މިސްކިތް ހުރި ތަނުގައި އަޅައި އާ މިސްކިތުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ މި ރޯދަ މަހުގެ 27 ވިލޭރޭ ކަމަށެވެ. ޝަހީމް ވިދާޅުވީ އެ ތާރީހުގައި ބިންގާ އެޅުމަށް ނިންމީ މިސްކިތް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތުގެ އެދުމުގެ މަތިން ކަމަށެވެ.

ރޯދަ މަސް ނިމުމާއެކު މިހާރު އެ ބިމުގައި ހުރި ވަގުތީ މިސްކިތް ތަޅާލައި، އާ މިސްކިތުގެ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްތައް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި އެސްޖޭ ކޮންސްޓްރަކްޝަންގެ ހިލޭ އެހީގައި ތިން ބުރީގެ މިސްކިތެއް އެޅުމަށް މީގެ ދެ އަހަރު ކުރިން އެއްބަސްވުމެއްގައި ސޮއިކުރިއެވެ. ނަމަވެސް އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގޮސްފައިނުވާތީ، މިހާރު އެ ބިމުގައި ބޭނުންކުރަމުންދަނީ 500 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެކެވެ.