އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރަޖްނީކާންތުގެ ކުރިއަށް އޮތް ފިލްމު 'ޖެއިލަރ 2' ގައި ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ހާއްސަ ފެނިލުމެއް ހިމެނޭކަން ކަށަވަރުވެއްޖެއެވެ. މިކަން އާންމުކޮށްފައިވަނީ ފިލްމުގައި މުހިންމު ރޯލެއް އަދާކުރާ މަލަޔާޅަމް ތަރި މޯހަންލާލްގެ ސްޓައިލިސްޓް، ޖިޝާދު ޝަމްސުއްދީން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓަކާ ގުޅިގެންނެވެ.
ޖިޝާދު އިންސްޓަގްރާމްގައި ހިއްސާކުރި އޭއައި މެދުވެރިކޮށް ހަދާފައިވާ ފޮޓޯއެއްގައި ފެންނަނީ ޝާހްރުކް ޚާން ކާރެއް ދުއްވަން އިންނައިރު، އޭނާގެ ކައިރީގައި މޯހަންލާލް އަދި ފަހަތު ސީޓުގައި ރަޖްނީކާންތާއި ޝިވާ ރާޖްކުމާރު ތިބޭ މަންޒަރެވެ. މި ފޮޓޯއާއެކު އޭނާ ވަނީ ފިލްމުގައި މިފަދަ މަންޒަރެއް "ޔަގީނުންވެސް ފެންނާނެ" ކަމަށް ލިޔެފައެވެ. މިއާއެކު، ފިލްމު އުފައްދާ ފަރާތުން ރަސްމީކޮށް މިކަން އިއުލާނު ނުކުރި ނަމަވެސް، ގިނަ ބަޔަކު ވަނީ މި ޚަބަރު ޔަގީންކޮށްފައެވެ.
ނެލްސަން ދިލިޕްކުމާރު ޑައިރެކްޓުކުރާ މި ފިލްމަކީ 2023 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު 'ޖެއިލަރ' ގެ ދެވަނަ ބައެވެ. ރިޕޯޓުތައް ބުނާގޮތުން، ފިލްމުގެ އެންމެ ފަހުގެ ޝޫޓިން ޝެޑިއުލްގައި ޝާހު ބައިވެރިވާނެއެވެ. އަދި އޭނާގެ މަންޒަރުތައް ނެގުމަށް 7 ނުވަތަ 8 ދުވަސް ހޭދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. މީގެ އިތުރުން، މި ފިލްމުގެ ޝޫޓިން މިހާރު ކުރިއަށްދާއިރު، މިއަހަރުގެ މެދުތެރޭގައި ނުވަތަ އޮގަސްޓު މަހު ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށްވެސް ހަބަރުތައް ބުނެއެވެ.
މިއީ އިންޑިއާގެ ސިނަމާގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭނެ މުހިންމު ފިލްމެކެވެ. ސަބަބަކީ މިއީ ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހު އާއި ދެކުނު އިންޑިއާގެ ލެޖެންޑް ރަޖްނީކާންތު އެއް ސްކްރީނަކުން ފެންނާނެ ފުރަތަމަ ފަހަރު ކަމަށް ވުމެވެ. މީގެ ކުރިން 2011 ވަނަ އަހަރު ނުކުތް ޝާހުގެ 'ރާވަން' ގައި ރަޖްނީކާންތުގެ ކެރެކްޓަރ 'ޗިއްޓީ' ފެނިގެންދިޔަ ނަމަވެސް، ސިއްހީ ސަބަބުތަކާ ހުރެ ދެ ތަރިން އެކުގައި މަންޒަރެއް ޝޫޓުކޮށްފައެއް ނުވެއެވެ.
މި ތަރިންގެ އިތުރުން، ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރު މިތުން ޗަކްރަބަތީ ވެސް މި ފިލްމުގައި ނެގެޓިވް ރޯލަކުން ފެނިގެންދާނެއެވެ. މިތުން ވަނީ މިދިޔަ ޑިސެމްބަރު މަހު ދިން އިންޓަވިއުއެއްގައި، ފިލްމުގައި ޝާހު ހިމެނޭކަމުގެ އިޝާރާތެއް ދީފައެވެ. އިންޑިއާގެ އެކި ފިލްމު އިންޑަސްޓްރީތަކުގެ އެންމެ މަޝްހޫރު ތަރިން އެއް ފިލްމަކުން ފެނިގެންދިއުމަކީ، މި ފިލްމަށް އޮތް އިންތިޒާރު އިތުރަށް ބޮޑުވެގެންދާ ސަބަބެކެވެ.
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން