ސިއްހީ ދާއިރާގެ ތަހުލީލުތައް ކުރުމަށްޓަކައި އެންމެ މަތީ ފެންވަރުގެ ވަސީލަތްތަކާއެކު "ނޭޝަނަލް ހެލްތު ލެބޯޓްރީ" ގެ އާ އިމާރާތް ހެދުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ބަޔަކާ ހަވާލުކުރާނެކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ގެންނާނެ އެންމެ ބޮޑު ތަރައްގީއަކީ އެ ލެބޯޓްރީ ގާއިމްކުރުން ކަމަށެވެ.
ނާޒިމް ވިދާޅުވީ މިހާރު ހެލްތު މިނިސްޓްރީގެ ތެރޭގައި ހިންގަމުންދާ ލެބޯޓްރީއަކީ އެފަދަ މަސައްކަތެއް ކުރުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އާ ލެބޯޓްރީ ބިނާކުރުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން 25 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖެހިފައިވާ ކަމަށެވެ. އެ ލޯނުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖޫން 22، 2022 ގައިކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން، ލެބޯޓްރީ ޑިޒައިން ކުރުމާއި ކޮންސަލްޓަންސީގެ މަސައްކަތްތަކަށް ޖަރުމަނުގެ "ޖައިޓެކް" ކުންފުންޏާއެކު ނޮވެމްބަރު 9، 2025 ގައި 1.2 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ކުންފުނީގެ ޓީމުން މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެއަށް ޒިޔާރަތްކޮށް، ބޭނުންވާ މައުލޫމާތުތައް އެއްކޮށްފައިވާއިރު، މިހާރު ކުރިއަށްދަނީ ޑިޒައިން ކުރުމުގެ ފައިނަލް މަސައްކަތްތައްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނޭޝަނަލް ހެލްތު ލެބޯޓްރީގެ އާ އިމާރާތާ ގުޅޭ އިތުރު ތަފްސީލްތައް:
- ބިމުގެ ބޮޑުމިން: 26,000 އަކަފޫޓު.
- އިމާރާތް: ނުވަ ބުރީގެ އިމާރާތަކާއި ތިން ބުރީގެ އިމާރާތެއް.
- ވަސީލަތްތައް: މައިކްރޮލޮޖީ ލެވެލް 2 އަދި 3 ގެ ވައިރަސްތަކާއި ބެކްޓީރިއާ ޓެސްޓު ކުރުމުގެ ގާބިލުކަން
- މުވައްޒަފުންގެ ލާބައަށް: ކަސްރަތު ކުރެވޭނެ ގޮތާއި، ރިކްރިއޭޝަން، ޗައިލްޑް ކެއާ، ކެފެޓީރިއާ އަދި އެކަމޮޑޭޝަން ހިމެނޭނެ
ނާޒިމް ވިދާޅުވީ އެ ލެބޯޓްރީއަކީ "ސްޓޭޓް އޮފް ދި އާޓް" ނުވަތަ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ތަރައްގީ ކުރާނެ ތަނެއް ކަމަށެވެ. މީގެ ސަބަބުން ކާނާ އާއި ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖޭގައި ކުރެވޭ ތަހުލީލުތައް އިތުރަށް ފުޅާވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށްޓަކައި ބައިނަލްއުވާމީ ޓެންޑަރަށް އަންނަ ޖުލައި މަހު ހުޅުވާލާނެއެވެ.
މުހައްމަދު އިޝާން