ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބަހާ މަސްދަޅު ކޭސްތައް ބެހުމުގެ އެންމެ ފަހުގެ މަރުހަލަ ނިމުނުއިރު، 113،380 މަސްދަޅުކޭސް ބަހާފައިވާ ކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ މިއަހަރު ރޯދަހަދިޔާގެ ގޮތުގައި މާލޭގެ ގޭބިސީތަކަށް 55،667 ދަޅު މަސްކޭސް އަދި އަތޮޅުގެ ރަށްތަކަށް 57،715 މަސްދަޅު ކޭސް ބަހާފައިވާ ކަމަށެވެ.

ވޭތިވެދިޔަ އަހަރާއި މިއަހަރުގެ ރޯދަހަދިޔާ މަސްދަޅުކޭހުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވައިލައްވަމުން ޝަރީފް ވިދާޅުވީ ނިމިދިޔަ 2025 ގައި ގޭބިސީތަަށް ފޮނުވުމަށް 60،712 ކޭސް އަތޮޅުތަކަށް ފޮނުވި ކަމަށާއި އަދި މި އަހަރު 57،715 ކޭސް މަސްދަޅު ފޮނުވި ކަމަށެވެ.

"މިއީ މިދިޔައަހަރަށް ބަލާއިރު އަތޮޅުތަކަށް މަސްދަޅުކޭސް ފޮނުވި އަދަދުވަނީ 2997 ކޭސް މަދުވެފައި. މިދިޔަ އަހަރު މާލޭގެ ގޭބިސީތަކަށް 55،525. މި އަހަރު 55،667 ދަޅު މަސްކޭސް ވަނީ ބަހާފައި. މި އަހަރު 142 މަސްދަޅު ކޭސް ވަނީ މާލެ ސަރަހައްދުގައި އިތުރަށް ރޯދަ ހަދިޔާގެ ގޮތުގައި ބަހާފައި." ޝަރީފް ވިދާޅުވިއެވެ.

1146 ވަނަ އަހަރު 111،237 މަސްދަޅުކޭސް ބަހާފައިވާއިރު، މި އަހަރު 113،382 ބަހާފައިވުމުން، ދެ އަހަރަށް ނިސްބަތްކޮށްފި ނަމަ މި އަހަރުވަނީ 2145 ކޭސް މަސްދަޅު އިތުރަށް ބަހައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި ރަމަޟާން މަހު ވެސް، ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް މާލޭގައި ބަހަން ފެށީ ފާއިތުވި ޖެނުއަރީގެ 24 ގައެވެ. އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވަން ފަށައިފައިވަނީ ޖެނުއަރީ 20ގައެވެ.

މި އަހަރު ރޯދަ ހަދިޔާ ބެހުމަށް އެކުލަވައިލި ގޭބިސީ ލިސްޓުގައިވާ ގޮތުން ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ އަދަދަކީ 56,918 އެވެ. ޑޮމެސްޓިކް މީޓަރުގެ އަދަދަކީ 61,755 އެވެ.