އީރާނާއި ދެކޮޅަށް އިޒްރޭލާއި އެމެރިކާ ގުޅިގެން ފެށި ހަގުރާމައިން ނެރެން ބޭނުންވި ނަތީޖާ ނެރެވޭތަން އެބަފެނޭ ބާވައެވެ. އެމެރިކާޔާއި އިޒްރޭލުން ހީކުޅައީ އީރާނަށް ކުއްލި ހަމަލާތަކެއްދީ އެގައުމުގެ ރޫހީ ލީޑަރާއި ސިފައިންގެ ވެރިޔާއާއި ޖާސޫސީ އިދާރާގެ ވެރިޔާ އަވަހާރަކޮށްލެވުނީމާ ތިން ހަތަރު ދުވަހެެއްގެ ތެރޭގައި ބިރުން އަމާންދީ އީރާނު ކުޑަކަކޫ މައްޗަށް ތިރިވެދާނޭ ކަމުގައެވެ. ސީދާ މުތުލަގަށް އިއުލާން ނުކުރިޔަސް މި ހަގުރާމަ ގިނަވެގެން ތިން ދުވަހުގެ ތެރޭގައި ނިމޭނޭ ކަމުގައެވެ. މިއަދަކީ ހަގުރާމައިގެ ފަސްވަނަ ދުވަހެވެ. އެމެރިކާޔާއި އިޒްރޭލަށް ހާސިލްކުރެވުނީ ކޮންކަމެއް ބާވައެވެ. ހުޅަގުގެ ގައުމުތަކުގެ ޓީވީތަކަށް އަރައިތިބެ އެތަންތާގެ ތަޖުރިބާކާރުން ފާޅުކޮށްފައިވާ އަދި ފާޅުކުރަމުންދާ ރައުޔާއި އިއްވަމުންދާ ޚިޔާލުތަކަަށް ވިސްނައިލީމާ އެނގެނީ އެމީހުން ތިބީ ނުހަނު ބޮޑު ހައިރާންކަމެއްގެ ތެރޭގައި ކަމެވެ. ބޭނުންވި ނަތީޖާއާ ގާތްކުރާ ނަތީޖާއެއްވެސް ނުނެރެވުނު ކަމެވެ.
ބަލިވެގެން، ބިރުގަނެގެން، ހަދާނެގޮތެއް ނެތިގެން އީރާނު އަމާންދީފާނެ ކަމުގެ ހިލަމެއްވެސް އީރާނުގެ ދުޝްމަނުންނަކަށް އަދި ނުފެނެއެވެ. ހަގުރާމައަށް ފަސްދުވަސްވާއިރު މަސްރަހު އޮންނާނޭ ކަމަށް ހީކުޅަ ގޮތަށް މަސްރަހު ބަދަލުވާ ތަނެއްވެސް އެމީހުންނަކަށް ނުފެނެއެވެ. އެމެރިކާޔާއި އިޒްރޭލުގެ ވެރިން މިހާރު އެތިބީ ކަންބޮޑުވެ ފިކުރުވެސް ބޮޑުވެފައެވެ. ހީކުރިގޮތަށް ކަންކަން ނުދާތީއެވެ. ނުކުރެވުނީމައެވެ. މިހާރު ފެންނަގޮތުން މި ހަގުރާމަ ވަރަށް ދިގުލައިގެން ހިގައިދާނެއެވެ. އީރާނުގެ ދުޝްމަނުން ހީކުރީ ދާދި އަވަހަށް އީރާނުގެ ވެރިކަން ވައްޓައިލެވިދާނޭ ކަމުގައެވެ. ގައިމުވެސް އެކަމެއް ނުވިއެވެ. ބޮޑުތަނުން ނާކާމިޔާބު ވެއްޖެއެވެ. ތެދެކެވެ. އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލައިފިއެވެ. އޭނާގެ ފުރާނަ ދުއްވާލައިފިއެވެ. އެއީ ކާމިޔާބީއެއް ބާވައެވެ. ނޫނެކެވެ. އެއީވެސް ހަގީގަތުގައި ނާކާމިޔާބީއެކެވެ. އެހެނީ އަލީ ޚާމަނާއީއަކީ އިރާނުން ނިއުކުލިއަރ ބޮން އުފެއްދުމާ ދެކޮޅު ހަމައެކަނި ލީޑަރެވެ.
އީރާނުން މިހާތަނަށް އެބުނާ ނިއުކުލިއަރ ބޮން އުފައްދާފައި ނުވަނީވެސް އަލީ ޚާމަނާއީ އެކަމަށް ރުހިވަޑައި ނުގަންނަވާތީއެވެ. އިޒުނަ ނުދެއްވާތީއެވެ. ނިއުކުލިއަރ ބޮން އުފެއްދުން މަނާކުރައްވައި އޭނާ ނެރުއްވާފައިވާ ފަތުވާއެއްގެ ސަބަބުންނެވެ. ނިއުކުލިއަރ ބޮން އުފެއްދުމަށް ބޭނުންވަނީ ނުވަދިހަ އިންސައްތަޔަށް ފައްކާ ކުރެވިފައިވާ ޔުރޭނިއަމެވެ. އީރާނުގައި ފަސްދޮޅަސް އިންސައްތަޔާ ހަމަޔަށް ފައްކާ ކުރެވިފައިވާ އެތައް ސަތޭކަ ކިލޯގެ ޔުރޭނިއަމް އެބަހުއްޓެވެ. އެހިސާބުން ފެށިގެން ދެން ބާކީބަޔަށް ފައްކާ ކުރުމަކީ ދާދިފަސޭހަ ކަމެއްވެސް މެއެވެ. މާގިނަ ދުވަސްތަކެއް ހޭދަވާނޭ ކަމެއްވެސް ނޫނެވެ. އެކަންނުކޮށް އީރާން މިހާތަނަށް އޮތުމުގެ ހަމައެކަނި ސިއްރަކީ ސައްޔިދު އަލީ ޚާމަނާއީއެވެ. މުޅި އީރާނުގައިވެސް ނިއުކުލިއަރ ހަތިޔާރު އުފެއްދުމާ ދެކޮޅު ހަމައެކަނި ބޭފުޅަކީ ޚާމަނާއީއެވެ. އޭނާއަކީ އުމުރުފުޅުން 86 އަހަރުގެ މުސްކުޅިއެކެވެ. ހުންނެވީވެސް ނުހަނު ދެރަވަރު ސިއްހަތެއްގައެވެ.
ނިއުކުލިއަރ ހަތިޔާރާ ދެކޮޅު ހެއްދެވި މުސްކުޅިއަކު ދުނިޔެއިން ވަކިކޮށްލުމަކީ އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމް ހުއްޓުވޭނޭ ކަމެއް ކަމަށް ބަޔަކު ހީކުރިކަމަށް ވަންޏާ އެބަޔަކީ ވަރަށްވެސް މޮޔަ ބައެކެވެ. އެހެނީ ނިއުކުލިއަރ ހަތިޔާރާއި އީރާނާއި ދެމެދު ހުރި ހުރަސް މިކަމުގެ ސަބަބުން ނައްތައިލެވުނީއެވެ. މިހާރު އެޒާތުގެ އެއްވެސް ހުރަހެއް، ފާރެއް ނެތެވެ. އީރާނުގެ ރޫހީ ލީޑަރުކަމަށް ދެން ކޮންމެ ބޭފުޅަކު ވަޑައިގެންނެވިޔަސް އެބޭފުޅަކީ ނިއުކުލިއަރ ހަތިޔާރު އުފެއްދުމާއި ލިބިގަތުމަަށް ތާއީދު ކުރައްވާނެ ބޭފުޅެކެވެ. ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ ވަޑައިގެންނެވިޔަސް އަދި ގާޑިއަން ކައުންސިލްގެ އައުރާފީ ވަޑައިގެންނެވިޔަސް ކަންއޮތީ އެހެންނެވެ. އެހެންވީމާ މިކުރެވުނީ ވަރަށްވެސް މޮޔަ އަދި ނުރައްކާތެރި ކަމެއްކަން ރައީސް ޓްރަމްޕަށް އޭނާގެ މުޝީރުން އަންގައިފިއެވެ. ކުރިއަށްވުރެ މާބޮޑަށް އީރާނުގެ ނުރައްކާތެރިކަން އިތުރުވެއްޖެކަންވެސް އަންގައިފިއެވެ. އެމެރިކާއަށް ހުރި ގޮންޖެހުންތައްވީ އިތުރުކަންވެސް އަންގައިފިއެވެ.
ސައްޔިދު އަލީ ޚާމަނާއީ ޝަހީދުކޮށްލީ އެފަދަ ހާލަތެއް އަތުވެދާނެކަމަށް ބަލައިގެން އީރާނުގެ ޒައާމަތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައިގެން ތިއްބައެވެ. ވެރިކަން ބަދަލުވާނޭގޮތުގެ ތަރުތީބާއި ނިޒާމުގެ ކަށަވަރުކަން ދެމެހެެއްޓުމަށް ކުރާންޖެހޭ ކަންކަން ފުރިހަމަކޮށްގެން ތިއްބައެވެ. ދެން ރޫހީ ލީޑަރުކަމަށް ވަޑައިގަންނަވާނޭ ބޭފުޅުން ޝޯޓްލިސްޓްކޮށްގެން ތިއްބައެވެ. ކޮންމެއަކަސް ޚާމަނާއީ ޝަހީދުކޮށްލީމާ ފެނުނީ އީރާނުގެ ރައްޔިތުން އެއްގަލަކަށް އެރި މަންޒަރެވެ. ގައުމުގެ ކަރާމާތާއި އިއްޒަތަށްޓަކައި ގައުމުގެ މަސްލަހަތު އިސްކުރި މަންޒަރެވެ. ކެރުމާއި ހިތްވަރާއި އަޒުމާއެކު ހަގުރާމައިގެ މަގު އިޚުތިޔާރު ކުރި މަންޒަރެވެ. ޝީއީންނަކީ މަރުދެކެ ބިރު ގަންނަ ބައެއް ނޫނެވެ. އެމީހުން ހިތްވަރު ލިބިގަންނަނީ ހުސައިނުގެފާނާއި އަހުލުބައިތުންގެ ކިބައިންނެވެ. ޝަހީދުވުމަކީ އެއިން ކޮންމެ މީހެއްގެވެސް އަމާޒެވެ. އެދުމެވެ. އެހެންވީމާ ބިރުގަނެގެން ފިނޑިވެގެން ފަހަތަށް ޖެހުމަކީ އީރާނުގެ ރައްޔިތުންގެ ސިފައެއް ނޫނެވެ. ދަންނަކަމެއްވެސް ނޫނެވެ.
މިދެންނެވި ކަހަލަ ހިތްވަރާއެކު އީރާނުން ދޭންފެށި ރައްދު ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ތެރެއިން އެތައް ބަޔަކު މަރުވެެއްޖެއެވެ. އިޒްރޭލުގެ ސިފައިންނާއި އާއްމުންގެ ތެރެއިން އެތައްބަޔަކު ދުނިޔެދޫކޮށް ހިގާއްޖެއެވެ. އެމެރިކާއިން ހިތަށްވެސް ނާރާ ސްކޭލެއްގައި ހިތަށްވެސް ނާރާ ތަންތަނަށް އީރާނުން ހަމަލަދޭން ފަށައިފިއެވެ. މުޅި މެދުއިރުމަތި އެމެރިކާ ސިފައިންނަށް ނާމާން ތަނަކަށް ވެއްޖެއެވެ. އެމެރިކާ ސިފައިންގެ މަރުކަޒުތައް ދޫކޮށް އަރަބި ގައުމުތަކުގެ ހޮޓާ ހޮޓަލަށްވަދެ ފިލައި ތިއްބަސް އެތަންތަނަށްވެސް އީރާނުން ހަމަލަދެނީއެވެ. މިހަމަލަތަކުގައި އީރާނުން މީގެކުރިން ދުވަހަކުވެސް ބޭނުންކޮށްފައިނުވާ އައު ޒާތްޒާތުގެ ހަތިޔާރުވެސް އެބަ ބޭނުންކުރެއެވެ. އޭގެތެރޭގައި ހައިޕަރސޮނިކް މިސައިލްވެސް ހިމެނެއެވެ. މިއީ އެމެރިކާއިން ހީކުރި ކަހަލަ ކަމެއް ނޫނެވެ. އެހެންވީމާ ހަގީގަތުގައިވެސް ޓްރަމްޕާއި އޭނާގެ މުޝީރުން އެތިބީ ސިހިފައެވެ. މިކަމުން ދެން ރެކިގަނެވޭނެ ގޮތެއްވޭތޯ މިހާރު ބަލަންވެސް ފަށައިފިއެވެ.
އެހެންވީމާ ދެން އެންމެ އަވަހަށް އިވުން ގާތް ޚަބަރަކީ ހަމަލާތަކަށް ނިމުން ގެންނަން އެމެެރިކާއިން ނިންމި ޚަބަރެވެ. އެކަން ލަސްވަމުން އެދަނީ ހަގުރާމަ ދަމަހައްޓަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރޮއެ އާދޭސްކުރާތީ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވެއެވެ. ނަތަންޔާހޫއަށް ދެން ވެރިކަމުގައި ދެމިހުރެވެންއޮތީ މި ހަގުރާމައިން ނަތީޖާއެއް ނެރެވިގެންނެވެ. އެޒާތުގެ ނަތީޖާއެއްގެ ކިރިޔާވެސް ދެން ފުރުސަތެއް އޮތީ ގަލްފުގެ އެންމެހައި އަރަބި ގައުމުތައް އީރާނާ ދެކޮޅަށް މި ހަގުރާމަޔަށް ނެރެވިގެންނެވެ. އެހެންވީމާ އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑު މެދުވެރިކޮށް އަރަބި ގައުމުތަކުގެ ތަންތަނުގައި ބޮންގޮއްވުމުގެ އޮޕަރޭޝަނެއްވެސް ހިންގަން އޭނާ ރާވައިފިއެވެ. ބޭނުމަކީ އީރާނުގެ ބޮލުގައި މިކަން އެޅުވުމެވެ. މިއީވެސް ދެން ވަރަށް އެހެން ކަހަލަ ކަމެކެވެ. އިޒްރޭލާ ބައިވެރިވެގެން އިސްލާމީ ގައުމަކާ ދެކޮޅަށް ގަލްފުގެ އަރަބި ގައުމުތަކުން ހަގުރާމަ ފެށީމާ ދެން އެތަންތަނުގެ ރައްޔިތުން ބުނާނީ ކީކޭބާވައެވެ. ތިމަންނާމެންނީ މުސްލިމުންނޭ ބުނަން ކެރޭނެ ބާވައެވެ.
އިމާދު ލަތީފު
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ