ސްޓޫޑެންޓް ލޯނަށް އެދުމަށް ވަކި މުއްދަތެއް ކަނޑައެޅުމުގެ ބަދަލުގައި، މުޅި އަހަރު ދުވަހު އެފުރުސަތު ހުޅުވާލަން ނިންމާފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައިދަރު ވިދާޅުވީ މީގެކުރިން އަމަލުކުރަމުން އައި ގޮތުން، ވަކި މުއްދަތެއްގެ ތެރޭގައި ލޯނަށް އެދެން ހުޅުވާލުމުން ގިނަ ދަރިވަރުންނަށް އެމުއްދަތުގެ ތެރޭގައި ލިޔެކިޔުންތައް ހަމަނުކުރެވި، ލޯނުގެ ފުރުސަތު ގެއްލޭ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ. ހައިދަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ގެންނަ މުހިންމު ބަދަލާއެކު، ދަރިވަރުން ބޭނުންވާ ވަގުތެއްގައި ލޯނަށް ހުށަހެޅުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދެން ދޫކުރާ ލޯނުތަކަކީ "ޝަރީއާ ކޮމްޕްލަޔަންޓް" ނުވަތަ އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތިން ދޫކުރާ ލޯނުތަކަކަށް ވެގެންދާނެ ކަމަށެވެ.
"މިފަހަރު އަލަށް ލޯނަށް ހުޅުވާލާއިރު އެޕްލިކޭޝަން ޑެޑްލައިނެއް ނުބާއްވާ ލޯނަށް އެދުމުގެ ފުރުސަތު މުޅި އަހަރަށް ހުޅުވާލެވިފައި އޮންނާނެ. މިހާތަނަށް ދަރިވަރުން ލޯނު ހޯދަން އެދި ހުށަހަޅަން ވަކި މުއްދަތެއް ކަނޑައެޅިފައި އޮތުމުން، އެ މުއްދަތުގައި ލޯނަށް އެދި ހުށަހެޅުން ބައެއް ދަރިވަރުންނަށް ދަތިވޭ،" ހައިދަރު ވިދާޅުވިއެވެ.
އެ ބަދަލާއެކު ލިބިގެންދާނެ ފަސޭހަތައް:
- ލިޔެކިޔުންތައް ހަމަކުރުން: މުޅި އަހަރު ފުރުސަތު އޮންނާތީ، ލޯނަށް ހުށަހަޅަންވާނީ އެމްކިޔުއޭގެ ލިޔުމާއި، ކޯހަކީ ހުއްދަދީފައިވާ ޕްރޮގްރާމެއްކަން އަންގައިދޭ ލިޔުން ފަދަ ހުރިހާ ރަސްމީ ލިޔެކިޔުންތައް ހަމަކޮށްގެން
- ފީ ސްޓްރަކްޗާ: ލޯނަށް އެދޭއިރު ކޯހުގެ ފީތައް ތަރުތީބުވެފައިވާ "ފީ ސްޓްރަކްޗާ" އެއް ހުށަހަޅަން ޖެހޭ
- އެޕްލިކޭޝަން ފަސޭހަކުރުން: ލޯނަށް އެދުމުގެ މަރުހަލާ މިހާރަށްވުރެ ފަސޭހަކޮށް، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަށްވެސް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފަ
ހައިދަރު ވިދާޅުވި ގޮތުގައި މިއަހަރުގެ ލޯނު ސްކީމަށް ރަސްމީކޮށް ހުޅުވާލާނީ ރޯދަމަހުގެ ފަހު 10ގެ ޗުއްޓީއަށްފަހު، މާޗް 22 ވަނަ ދުވަހު ސަރުކާރު ހުޅުވޭ ހަފުތާގެ ތެރޭގައި ކަމަށެވެ.
މުހައްމަދު އިޝާން
ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު
ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު