މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން 14 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.

އެމްބީބީއޭގެ މިއަހަރު އަހަރީ އާންމު ޖަލްސާ ބާއްވާފައި ވަނީ މިމަހުގެ އެއްވަނަ ދުވަހު ހެންވޭރު ބޯޅަ ގޭގައެވެ. އެ އެސޯސިއޭޝަނުން އާންމު ޖަލްސާ ބާއްވާފައި ވަނީ ވޯޓުލެވޭ ޖުމްލަ 13 މެންބަރުންނާއެކުގައެވެ.

ޖަލްސާގައި އެމްބީބީއޭގެ ބަޖެޓް ފާސްކޮށްފައިވާ އިރު، މި އަހަރަށް ލަފާކޮށްފައިވާ ބަޖެޓަކީ 14،360،121.33 ރުފިޔާއެވެ. އެ ބަޖެޓް ވަނީ ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

މި އަހަރަށް އެސޯސިއޭޝަނުން އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ބަޖެޓްގައި ހިމަނާފައިވަނީ މޯލްޑިވްސް ޕްރޯ އަށެވެ. ދުނިޔޭގެ ބޮޑީބޯޑިން އިދާރާ އަައިބީސީއާގެ ބޮޑީބޯޑިން ޓުއާގެ ތެރޭގައި ހިމެނޭ މޯލްޑިވްސް ޕްރޯގެ ކާމިޔާބު ދެ މުބާރާތެއް މީގެ ކުރިންވެސް ބާއްވާފައި ވަނީ މުބާރާތް ހޯސްޓް ކުރުމަށް އަބަދުވެސް ދިމާވާ އެންމެ ބޮޑު ޗެލެންޖަކީ ފައިސާގެ ދަތިކަމެވެ.

އެކަމަށް ސަރުކާރާއެކު މަޝްވަރާ ކުރުމުންދާ ކަމަށް މީގެ ކުރިންވެސް އެމްބީބީއޭއިން ބުނެފައިވެއެވެ.

މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުވެސް، ގައުމީ ބޮޑީބޯޑިން ލީގުގެ އިތުރުން، ޒުވާން ބޮޑީބޯޑަރުން އުފެއްދުމަށްޓަކައި ކުރިއަށްގެންދާ "ހުދުފޮނު" ޕްރޮގްރާމްގެ ހަރަކާތްތައް އޮންނާނެ ކަމަށް ނިންމާފައިވެއެވެ.

އަހަރީ އާންމު ޖަލްސާގައި ވާހަަކަ ދައްކަވަމުން، އެމްބީބީއޭގެ ރައީސް، ހުސެއިން ނިޒާމް (ނިޒޯ)، ވަނީ އެސޯސިއޭޝަނަށް ލިބެމުން އަންނަ ކާމިޔާބީތައް އިތުރަށް ކުރިއަށްގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.