ބޮޑުކަމު ދިއުމުން ޑްރަގް އަޅާފައިވާ 38 ބުލެޓް ފޭބި މީހެއްގެ މައްޗަށް، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެހި ރާއްޖެ އެތެރެ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ 12 އަހަރާއި ހަ މަސްދުވަހަށް ޖަލަށް ލުމާއެކު 50،000 ރުފިޔާއިން ޖޫރިމަނާ ކުރަން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ، ސ. ހިތަދޫ އަރާއިރު ޝާހިދު ރަޝީދުގެ މައްޗަށެވެ.
މި މައްސަލައިގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖެއްސި އެމިރޭޓްސް އެއާލައިންސްގެ ފްލައިޓަކުން ޝާހިދު ރަޝީދު ރާއްޖެ އައިސް އެއާޕޯޓްގެ އެރައިވަލް ތެރޭގައި ހުއްޓައި ކަސްޓަމް އޮފިސަރުން އޭނާ ހުއްޓުވައި ހަށިގަނޑު ސްކޭމްކޮށް ބެލިއިރު ހަށިގަނޑުގައި އެއްޗެއް ރައްކާކޮށްފައި ހުރި ކަމަށް ތުހުމަތުކުރެވުނެވެ.
އެހެންކަމުން އޭނާ އައިޖީއެމްއެޗަށް ގެންގޮސް ހަށިގަނޑުގެ ސީޓީސްކޭނެއް ނަގައި ބެލިއިރު ހަށިގަނޑުގައި ފޮރިން ބޮޑީޒް ހުރިކަމަށް ސީޓީ ސްކޭނުން ދައްކާތީ ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާގެ ހަށިގަނޑު ގާތުން ބަލައި ފާސް ކުރުމަށް ދޫނިދޫ ކްލިނިކްގައި އެޑްމިޓް ކުރިއެވެ.
ހަމަ އެ ދުވަހު ހެނދުު އޭނާގެ ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން ފެނުނު 10 ބުލެޓާއި، މެންދުރު ފަހުން ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން ފެނުނު ނުވަ ބުލެޓާއި، ޖެހިގެން އައި ދުވަހުގެ ހަވީރު ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން ފެނުނު 11 ބުލެޓާއި، އޭގެ ފަހު ދުވަހު މެންދުރު ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން ފެނުނު ހަ ބުލެޓާއި، އެ ދުވަހުގެ ހަވީރު ބޮޑުކަމުދިިޔަ ތަކެތީގެ ތެރެއިން ފެނުނު ތިން ބުލެޓާއި، އޭގެ ފަހުން ފެނުނު ދެ ބުލެޓުން އެކި ބާވަތުގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.
މި މައްސަލައަށް ކުރީކޮޅު އޭނާ އިންކާރު ކުރި ނަމަވެސް އޭގެ ފަހުން، މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހު ޕްރޮސިކިއުޓާ ޖެެނެރަލްގެ އޮފީހާއެކު އޭނާ އިއުތިރާފުގެ އެއްބަސްވުމެއް ހެދިއެވެ.
އެ މައްޗަށް އޭނާއަށް ކުރި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 12 އަހަރާއި ހަ މަސްދުވަހުގެ މުއްދަތަށް ޖަަލަށްލުމާއެކު، 50،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ 12 މަސްދުވަހުގެ ތެރޭގައި އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ހުކުމްކުރިއެވެ.
އިބްރާހިމް ޒަކީ
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް