ވަޒީފާތަކަށް ދިވެހިން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މި އަހަރަށް ހެލްތު ޕްރޮފެޝަނަލުންނަށް 1500 ފުރުސަތު ހުޅުވާލާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ހަމަ އެކަނި ދިވެހިންނަށް ހާއްސަވާނެ 22 ދާއިރާއެއް ކަނޑައަޅައި ތަމްރީނު ފަރުމާ ކުރަމުން ގެންދާ ކަމަށެވެ.

"ތަމްރީންތަކުގެ އިތުރު ޕްރޮގްރާމްތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށް ބޭރުބަސް ދަސްކޮށްދިނުމަށް 1000 ފުރުސަތު، އޭގެތެރޭގައި އަރަބި، މެންޑަރިން، ފްރެންޗް، ޖާމަން، ރަޝިއަށް، އަދި ކޮރެއަން ކިޔަވަން 1000 ފުރުސަތު ވަނީ ހުޅުވާލާފައި،" ހައިދަރު ވިދާޅުވިއެވެ.

މިކަންކަމުގެ އިތުރުން ވެސް މި އަހަރުގެ ޖެނުއަރީ މަހުގެ އަށެއްގައި ސަރުކާރުގެ ގެޒެޓުގައި އަލުން ޝާއިރު ކުރި ވަޒީފާއަށް އަލުން އައްޔަން ކުރުމުގެ ގާނޫނުގެ ދަށުން ވަޒީފާއާބެހޭ ޑްރާފްޓްތައް އަލުން ގެޒެޓް ކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާ ކަމަށެވެ.

"މި ގަވާއިދުތަކުގެ ސަބަބުން 65 އަހަރާއި 75 އަހަރާ ދެމެދުގެ ފަރާތްތަކަށް ރަސްމީ އޮނިގަނޑުގެ ތެރެއިން، ކޮންމެ އަހަރަކު އާ ކުރާ ކޮންޓްރެކްޓު އުސޫލުން ވަޒީފާ އަދާކުރުމަށް މަގުފަހިވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ފަސް އަހަރު ދުވަހަކީ ރާއްޖޭގައި ވަޒީފާނެތި ތިބޭ ދިވެހިން ނެތް ގައުމަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވަމުން ހައިދަރު ވިދާޅުވީ ރާއްޖޭގައި ވަޒީފާ ބޭނުންވެ، ވަޒީފާއެއް ނުލިބިފައިވާ ފަރާތްތައް އެއްކޮށް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށެވެ.

"އެއީ އިންވޮންޓްރަލީ އަންއެންޕްލޮއިމަންޓް އެއްކޮށް ނައްތާލުމަށް އިންވޮންޓްރަލީ އަމާޒުގެ ދަށުން. ވަޒިފާ ނެތް ފަރާތްތައް އެއްކޮށް ނައްތާލުމަށް. އެ މީހެއްގެ ތައުލީމާ ތަޖުރިބާ އަދި ހުނަރާ ގުޅޭ ފެންވަރު ރަނގަޅު ވަޒީފާތައް ލިބޭނެ ވަރުގަދަ ލޭބާ މާކެޓެއް ގާއިމް ކުރުމަށް ސަރުާރުން ވަނީ އިސްކަންދީފައި." މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

އެކަން ހާސިލުކުރުމަށް ޖޮބްޕޯޓަލް މެދުވެރިކޮށް އިންޓާނޭޝަނަލް ކެރިއާ ސާވިސްގައި ރަޖިސްޓްރީވެ، ވަޒީފާ ހޯދާ ފަރާތްތަކުގެ އަދަދު ކުޑަ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަނީ އިތުރަށް ހަރުދަނާކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.