ސިއްހީ ދާއިރާގެ ބިދޭސީ ފަންނުވެރިންގެ ގިންތިއަށް ގެނައި ބަދަލު މުރާޖައާކުރުމަށް ކަމާބެހޭ ވުޒާރާތަކަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ގޮވާލައިފިއެވެ.
އެމްއެޗްޕީޔޫއިން މިކަމަށް ގޮވާލީ، ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން އާންމުކުރި ބިދޭސީ މަސައްކަތްތެރިންގެ އާ ގިންތިތަކުގެ ލިސްޓުގައި، ސިއްހީ ދާއިރާގެ ގިނަ ފަންނުވެރިންތަކެއް "ނޮން-ޕްރޮފެޝަނަލް" ގިންތިއަށް ބަދަލުކުރުމާ ގުޅިގެންނެވެ.
އެމްއެޗްޕީޔޫއިން ބުނި ގޮތުގައި، މި ބަދަލުގެ ސަބަބުން ސަބް-ސްޕެޝަލިޓީ ޑޮކްޓަރުންނާއި، ލެބޯޓަރީ ޓެކްނޮލޮޖިސްޓުންގެ އިތުރުން މެޑިކަލް އިމޭޖިން ޓެކްނީޝަނުން ފަދަ މުހިންމު ފަންނުވެރިން ވަނީ ނޮން-ޕްރޮފެޝަނަލް ގިންތިއަށް ވެއްޓިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ޕްރޮފެޝަނަލް ގިންތީގައި ތިބޭއިރު ލިބޭ ޑިޕެންޑެންޓް ވިސާއާއި، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގައި ލިބޭ ލުއިތައް ފަދަ މުހިންމު އިނާޔަތްތަކުން މި ފަރާތްތައް މަހުރޫމުވާނެ ކަމަށް އެ ޔޫނިއަނުން ފާހަގަކުރިއެވެ.
ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބިދޭސީންނަކީ އެ މީހުންގެ އާއިލާއާއެކު ރާއްޖޭގައި ދިރިއުޅެމުން އަންނަ ބައެއްކަން ފާހަގަކޮށް އެމްއެޗްޕީޔޫއިން ބުނީ، އެ މީހުންގެ ދަރިން ރާއްޖޭގެ ސްކޫލްތަކުގައި ތައުލީމު ހާސިލުކުރަމުންދާ ކަމަށެވެ. ނަމަވެސް، ޑިޕެންޑެންޓް ވިސާ އާނުކުރެވޭ ގޮތް ވުމުން، އާއިލާތައް ވަކިވެ، އަނބިދަރިން އަނބުރާ ގައުމަށް ފޮނުވާލަން މަޖުބޫރުވެފައިވާ ކަމަށާއި، މީގެ ސަބަބުން އެ މީހުންގެ ދިރިއުޅުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް އެ ޔޫނިއަނުން ބުންޏެވެ.
ބިދޭސީ މަސައްކަތްތެރިންނަށް ބޮޑަށް ބަރޯސާވެފައިވާ ރާއްޖޭގެ ސިއްހީ ނިޒާމަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް އެމްއެޗްޕީޔޫއިން އިންޒާރުދިނެވެ. އެގޮތުން، ފަންނުވެރިން ވަޒީފާގައި ދެމިތިބުމަށާއި، ބަލިމީހުންނަށް ދެމުންގެންދާ ފަރުވާ މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ހުރަސްއެޅިދާނެ ކަމަށް ބުންޏެވެ. އެހެންކަމުން، މިނިސްޓްރީން މި ނިންމުން އަލުން މުރާޖައާކޮށް، ސިއްހީ ފަންނުވެރިންގެ ތައުލީމާއި ހުނަރާއި ޒިންމާތަކަށް ރިއާޔަތްކޮށް އެ މީހުންނަކީ ޕްރޮފެޝަނަލުންގެ ގޮތުގައި ބަލައިގަތުމަށް އެ ޔޫނިއަނުން ވަނީ ގޮވާލައިފައެވެ.
މީގެ އިތުރުން، މި މައްސަލަ ހައްލުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން ލަސްނުކޮށް ފިޔަވަޅު އެޅުމަށް ހެލްތު މިނިސްޓްރީއަށް ވެސް އެމްއެޗްޕީޔޫއިން ވަނީ ގޮވާލައިފައެވެ. ސިއްހީ ފަންނުވެރިންނަކީ ޕްރޮފެޝަނަލުންގެ ގޮތުގައި ބަލައިގަންނަން ޖެހޭނެ ބައެއް ކަމަށް އެ ޔޫނިއަންގެ ބަޔާނުގައި ތަކުރާރުކޮށްފައިވެއެވެ.
ސިއްހީ އެހީތެރީން
ސިއްހީ އެހީތެރީން
ސިއްހީ އެހީތެރީން
ސިއްހީ އެހީތެރީން
ކޮމެންޓް