ރާއްޖޭގައިއަވަހަށް ޕޭޕަލްގެ ހިދުމަތް ތައާރަފް ކުރުމަށް މިހާރު ކުރިއަށްދަނީ، ލޯންޗުކުރުމުގެ ކުރިން ކުރިއަށް ގެންދަންޖެހޭ ޓެސްޓިން މަރުހަލާތައް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ޕޭޕަލްއަކީ ރައީސްގެ ވައުދުފުޅެއް ކަމަށާއި ރައީސްގެ މެނިފެސްޓޯގައި ވެސް ހިމެނޭ ކަމެއް ކަމަށާއި އެހެންކަމުން އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

"ދާދި އަވަހަށް އިރާދަކުރެއްވިއްޔާ ޕޭޕަލްގެ ހިދުމަތް ލިބޭނެ،" ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޕޭޕަލް ހިދުމަތް ފަށަން ނިންމާފައިވާ ގޮތުގެ ޓައިމްލައިނެއް ވެސް ވަރަށް އަވަހަށް ހިއްސާކުރައްވާނެ ކަމަށާއި އެކަން ކުރަން ލަސްވަނީ، ޕޭޕަލް ރާއްޖެއަށް ތައާރަފް ކުރުމުގެ ޓެސްޓިން މަރުހަލާތައް ކުރިއަށްދާތީ ކަމަށެވެ.

ރާއްޖެއަށް ޕޭޕަލް ގެނައުމަށް އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.

އެއަށް ފަހު، މިދިޔަ އޮކްޓޫބަރު މަހު، އުރީދޫ ފިންޓެކް އާއި ޕޭޕަލް ގުޅިގެން ވަނީ ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަން އިއުލާނުކޮށްފައެވެ.