ބޮލީވުޑްގެ މަޝްހޫރު ތަރި ސަނީ ލިއޯންގެ ދަރިފުޅު، ނިޝާ ކޯރ ވެބާ އުމުރުން އެންމެ 10 އަހަރުގައި އަމިއްލަ އުފެއްދުމެއް އީޖާދުކޮށް، އެ އުފެއްދުމުގެ ޕޭޓެންޓް ހޯދައިފިއެވެ. "ބޫ ބޮކްސް" (Boo Box) ގެ ނަން ދީފައިވާ މި އުފެއްދުމަކީ ނިޝާގެ އަމިއްލަ ޚިޔާލަކަށް ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށް ސަނީ ލިއޯން ވަނީ ބުނެފައެވެ.
މިކަން އާންމުކޮށްފައިވަނީ މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން، ސަނީ ލިއޯންގެ ގެއަށް ކުރި ޒިޔާރަތެއްގައި ދެއްކި ވާހަކަތަކުގެ ތެރެއިންނެވެ. ސަނީ ލިއޯން ބުނި ގޮތުގައި އޭނާގެ ދަރިފުޅު ނިޝާއަކީ ވަރަށް ވިސްނުން ތޫނު ކުއްޖެކެވެ. އަދި މި އުފެއްދުމުގެ މަސައްކަތް ފެށީއްސުރެ ނިމެންދެން ކުރީ ނިޝާ އަމިއްލައަށް ކަމަށާއި، މިހާރު މި އުފެއްދުމުގެ ޕޭޓެންޓް ނުވަތަ މިލްކުވެރިކަމުގެ ހައްގުވެސް ރަސްމީކޮށް ހޯދާފައިވާ ކަމަށް އޭނާ ބުންޏެވެ.
"ބޫ ބޮކްސް" އަކީ ކޮން އެއްޗެއް؟
މިއީ އާދައިގެ ޓިޝޫ ފޮއްޓެކެވެ. ނަމަވެސް މީގެ ތަފާތަކީ، ޓިޝޫ ފޮށީގެ އަރިމަތީގައި ކުނި އަޅާނެ ކުޑަ ވަކި ބައެއް (ޑަސްބިންއެއް) ހަރުކޮށްފައި ހުރުމެވެ. މިއީ ބޭނުންކޮށްފައި ހުންނަ ޓިޝޫތައް އުކާލުމަށް ފަސޭހައަކަށް އުފައްދާފައިވާ އެއްޗެކެވެ.
ސަނީ ލިއޯން ކިޔައިދިން ގޮތުގައި މި ޚިޔާލު ނިޝާއަށް އައީ އަމިއްލަ ތަޖުރިބާއެއްގެ ތެރެއިންނެވެ. މުމްބާއީގެ ހިރަފުހުގެ ސަބަބުން ނިޝާއަށް ވަރަށް ބޮޑަށް އެލާޖީގެ އުނދަގޫވެއެވެ. އެހެންކަމުން ގޭތެރޭގެ އެކި ތަންތަނަށް ޓިޝޫ އުކާލެވިފައި ހުންނާތީ، އެކަމާ ސަނީ ލިއޯން ނިޝާއަށް ނަސޭހަތްތެރިވިއެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ނިޝާ އަމިއްލައަށް ޓިޝޫ ފޮއްޓެއްގައި ޕްލާސްޓިކް ތަށްޓެއް ޓޭޕް އަޅައިގެން ހަރުކުރީއެވެ. "ބޫ ބޮކްސް" ގެ އަސްލަކީ މިއީއެވެ.
މި އުފެއްދުން މިހާރު ވަނީ ބާޒާރަށް ނެރެފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެމެޒޯން ފަދަ އޮންލައިން ޕްލެޓްފޯމްތަކުގައި ގާތްގަނޑަކަށް 999 ރުޕީސްއަށް މި އުފެއްދުން ވިއްކަން ހުރެއެވެ. ސަނީ ލިއޯން ފާހަގަކުރި ގޮތުގައި އުމުރުން އެންމެ 10 އަހަރުގައި ނިޝާ އަންނަނީ މި މަސައްކަތުން އަމިއްލަ އާމްދަނީ ހޯދަމުންނެވެ.
މިކަމާ ގުޅިގެން ފަރާ ޚާން ވަނީ ނިޝާގެ ވިސްނުމަށް ތާރީފުކޮށްފައެވެ. އަދި ސަމާސާ ރާގަކަށް ފަރާ ބުނީ، ނިޝާއަށް އަމިއްލަ އާމްދަނީ ލިބޭތީ އޭނާގެ ކޮއްކޮމެން އެކަމާ "ހަސަދަވެރިވާ" ކަމަށެވެ.
ނިޝާއަކީ 2017 ވަނަ އަހަރު ސަނީ ލިއޯން އާއި އޭނާގެ ފިރިމީހާ ޑެނިއަލް ވެބާ އެޑޮޕްޓްކުރި (ގާނޫނީ ބެލެނިވެރިކަމުގެ ދަށަށް ގެނައި) ކުއްޖެކެވެ. ސަނީ ލިއޯން އަންނަނީ އޭނާގެ ދަރިންގެ އުފެއްދުންތެރިކަމާއި ހުނަރު ކުރިއެރުވުމަށް އަބަދުވެސް ހިތްވަރު ދެމުންނެވެ.
ކުޑަކުދީން
ކުޑަކުދީން
ކުޑަކުދީން