ޗައިނާގެ ކިންޑަގާޓަނެއްގައި ކިޔަވަމުންދިޔަ 247 ކުއްޖަކު ވިހަވި މައްސަލައިގައި، އެތަނުގެ ވެރިމީހާ އުމުރަށް ޖަލަށް ލުމަށް ޗައިނާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގަންސޫ ޕްރޮވިންސްގެ ލަންޒޯ ސިޓީގެ އިންޓަމީޑިއޭޓް ޕީޕަލްސް ކޯޓުން ހުކުމް އިއްވީ ޓިއަންޝުއި ސިޓީގައި ހިންގާ ހެޝީ ޕެއިޝިން ކިންޑަގާޓަންގެ ވެރިޔާ ލީ ހުއިފަންގްގެ މައްޗަށެވެ.

ކޯޓުގެ ނިންމުމާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ސާބިތުވީ ވިހަ އަދި ގެއްލުންދެނިވި ކާނާ އުފައްދައި ވިއްކުމުގެ ކުށެވެ. މީގެ އިތުރުން އޭނާގެ މުދަލުގެ ތެރެއިން 5 ލައްކަ ޔުއާން ދައުލަތަށް ނަގަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި ހާދިސާ ހިނގާން މެދުވެރިވީ، ކުދީންނަށް ދޭ ކާނާގެ ކުލަ ރީތިކުރުމުގެ ގޮތުން، ކެއުމަށް ބޭނުންކުރުން ރައްކާތެރި ނޫން ލެޑް އެކުލެވޭ ކުލައެއް ކާނާއަށް އެޅުމަށް ލީ ހުއިފަންގް އާއި އެތަނުގެ ޕްރިންސިޕަލް ބަދިގޭގެ މުވައްޒަފުންނަށް އެންގުމުން ކަމަށް ކޯޓުން ބުނެފައިވެއެވެ.

ތަހުގީގީ ރިޕޯޓުތަކާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، ކުދީންނަށް ދިން ކޭކާއި ބަނަހުގައި އެކުލެވޭ ލެޑްގެ މިންވަރު ހުރީ މިންގަނޑަށް ވުރެ އެތައް ގުނައެއް މަތީގައެވެ.