ރޯދަމަހަށް ހާއްސަކޮށް "އެމްޑަބްލިޔުއެސްސީ ރޯދަ ސުފުރާ 1447" މި އަހަރުވެސް ރޯދަމަހުގެ ނިޔަލަށް ކުރިޔަށްގެންދަން ނިންމައިފި އެވެ.
މިއީ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ އިޖުތިމާއީ ޒިންމާގެ ދަށުން ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ހަރަކާތް މިއަހަރުވެސް ރޯދަމަސް ނިމެންދެން ކޮންމެ ދުވަހެއްގެ ހަވީރު ކުރިޔަށްގެންދަން ނިންމާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.
"އެމްޑަބްލިޔުއެސްސީ ރޯދަ ސުފުރާ 1447" ގެ ދަށުން ކޮންމެ ދުވަހަކުވެސް ރޯދަވީއްލުމަށް ބޭނުންވާ "އިފްތާރު މީލް ޕެކް" ބެހުމުގެ މަސައްކަތް ކުރިއަށްދަނީ އެކުންފުނީގެ މައި ދޮރުމަތީގައި އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޓެންޓުގައެވެ.
އެ ޕްރޮގްރާމުގައި ބައިވެރިވެ، ރޯދަވީއްލުމަށް ބޭނުންވާ ތަކެތި ހަދިޔާކުރުމުގެ ފުރުސަތު އެ ކުންފުނީގެ މުވައްޒަފުންނަށާއި އާންމު ރައްޔިތުންނަށް ވަނީ ހުޅުވާލައިފައެވެ.
ގޭގައި ތައްޔާރުކުރާ ކާބޯތަކެތި ކޮންމެ ދުވަހަކު ހަވީރު 4:30 އިން 5:45 އާ ދެމެދު އެ ޓެންޓަށް ގެންދެވޭނެއެވެ. ސިއްހީ ރައްކާތެރިކަމަށް ބަލައި، ހަދިޔާކުރާ ތަކެތި ހުންނަންވާނީ ފޮއިލް ކޮންޓޭނަރުގައި ރަނގަޅަށް ބަންދުކޮށްފައެވެ.
އެ ހަރަކާތަކީ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމުގައި އެމްޑަބްލިޔުއެސްސީން ދޭ ސަމާލުކަމާއި، އިޖުތިމާއީ ކަންކަމުގައި އެ ކުންފުނިން އަދާކުރާ މުހިންމު ދައުރު ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މިއީ ރޯދަމަހުގެ މަތިވެރި ރޫހާ އެއްގޮތަށް، އެކަކު އަނެކަކަށް އެހީތެރި ވެ، އެކުވެރިކަމާއި އޯގާތެރިކަން އާލާކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ. މީގެ އިތުރުން، މިއީ ޒަމާނުއްސުރެ ދިވެހީންގެ މެދުގައި އޮންނަ އެއްބައެއްވަންތަކާމާއި، ބަދަހި ގުޅުން ދެމެހެއްޓުމަށާއި، އިޖުތިމާއީ ރޫހު ވަރުގަދަކުރުމަށް އެ ކުންފުނިން ކުރާ މުހިންމު މަސައްކަތެއް ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
ފާތިމަތު ލިއުޝާ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ