ކީރިތި ގުރުއާން ހިތުދަސްކޮށް، ހާފިޒުކަމުގެ ސަނަދު ހާސިލުކުރި 50 ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާއި މެޑަލް މިރޭ ހަވާލުކޮށްފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

ރައީސް އޮފީހުން މިރޭ ބުނީ އެ ރަސްމިއްޔާތުގައި، 1446 ވަނަ އަހަރުގެ ރޯދަ މަހުން ފެށިގެން 1447 ވަނަ އަހަރުގެ ރޯދަ މަހާ ހަމައަށް ހާފިޒުކަމުގެ އިމްތިހާނު ފުރިހަމަކުރި 31 ދަރިވަރަކަށް ރައީސް ވަނީ ސަނަދާއި އިނާމު ހަވާލުކޮށްދެއްވާފައި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 19 އަންހެން ދަރިވަރުންނާއި 12 ފިރިހެން ދަރިވަރުންކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ރަސްމިއްޔާތުގައި 2024 ސެޕްޓެމްބަރުން ފެށިގެން 2025 މާޗު މަހުގެ ނިޔަލަށް ކިޔަވައި ނިންމި އިތުރު 18 ހާފިޒަކަށްވެސް ރައީސް ވަނީ އިނާމާއި މެޑަލް އަރުވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.