ރާއްޖެއިން ބޭރުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށާއި، އެ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން، އެ ސަރަހައްދުގެ ގައުމުތަކުގައި ކިޔަވަމުންދާ ދިވެހި އެއްވެސް ދަރިވަރަކަށް އެކަމުގެ އަސަރުކުރޭތޯ ބަލަމުންދާ ކަމަށެވެ.

ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި، ދަރިވަރުންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ. އަދި ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެ ސަރަހައްދުގެ މަޝްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ކުރަންޖެހޭ މުއާމަލާތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ނާޒުކު ދަނޑިވަޅުގައިވެސް، ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.