ސްކޭމެއް ހިންގައިގެން، މީހެއްގެ ސޯޝަލް މީޑިއާގެ އެޕްލިކޭޝަންތައް ކޮމްޕްރޮމައިޒް ކޮށް، ދެލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މީގެ ތެރޭގައި ހިމެނެނީ ތ. މަޑިފުށި ޖަވާހިރުވާދީ އަހްމަދު އާދަމް އާއި ގއ. ކަނޑުހުޅުދޫ ފޫހިވާގެ މުހައްމަދު އަލީ އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި އަހްމަދު އާދަމަށް ތުހުމަތު ކުރެވެނީ ގިނަ ބަޔަކު ބައިވެރިވެގެން މީހެއްގެ ސޯޝަލް މީޑިއާގެ އެޕްލިކޭޝަންތައް ކޮމްޕްރޮމައިޒް ކޮށް 270،000 އަށްވުރެ ގިނަ ރުފިޔާ ނަގާފައިވާ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

އެގޮތުން އެކި މީހުންގެ އެކައުންޓްތަކަށް އެ ފައިސާ ޓްރާންސްފާކޮށް ނަގާފައިވާ ކަމަށާއި އޭނާގެ އެކައުންޓަށް އެ ފައިސާގެ ބައެއް ޖަމާވެފައިވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލައިގައި ތުހުމަތުކުރާ މުހައްމަދު އަލީއަށްވެސް ތުހުމަތު ކުރަނީ އެކި މީހުންގެ އެކައުންޓްތަކަށް އެ ފައިސާ ޓްރާންސްފާކޮށް ނެގުމާއި އޭނާގެ އެކައުންޓަށް އެ ފައިސާގެ ބައެއް ޖަމާކުރުމެވެ.

ގެއްލިފައިވާ ފައިސާގެ ތެރެއިން 25،242.80 ރުފިޔާ އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި، އެ ފައިސާ ނެގުމަށްފަހު މީހަކާ ހަވާލުކުރިކަމަށް އޭނާ ބުނެފައިވެއެވެ.

ކުރިމިނަލް ކޯޓުން އޭނާގެ ބަންދަށް ހަތް ދުވަސް ވަނީ ޖަހައިފައެވެ.