ދިރާގު ކަސްޓަމަރުންނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅޭނެ އިންތިޒާމު އެކުންފުނިން ހަމަޖައްސައިފި އެވެ.

ދިރާގުން ބުނީ މިއީ މެދުއިރުމަތީގައި މިހާރު ފަށައިގެން އުޅޭ ހަނގުރާމައާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި ގާތް މީހުންގެ ހާލުބެލުމަށާއި މެދުކެނޑުމެއް ނެތި މުއާސަލާތު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ދިނުމަށް ނިންމި ހިދުމަތެއް ކަމަށެވެ.

މި ހިދުމަތުގެ ސަބަބުން ޔޫއޭއީ އަދި ސައުދީ އަރައްބިއްޔާ އަށް ހިލޭ ގުޅުމަށް ޖުމުލަ 30 މިނިޓު މާދަމާގެ ނިޔަލަށް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި ދެ ގައުމަށް ހިލޭ ގުޅޭނެ މިނެޓް ލިބޭނީ #225* އަށް ޑައިލް ކޮށްގެންނެވެ. ހިލޭ މިނިޓުތައް މާދަމާގެ ނިޔަލަށް އެކްޓިވޭޓް ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި އެކްޓިވޭޓް ކުރުމަށް ފަހު، ހަތް ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

ދިރާގުގެ އަމާޒަކީ މިފަދަ އެކި ދަނޑިވަޅުތަކުގައި ވެސް އެންމެ ފުރިހަމަ އަށް ރާއްޖެއިން ބޭރުގައި ދިވެހި އާއިލާތަކާއި ރައްޓެހިންނަށް މުއާސަލާތު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.