ހަމަލާތައް ފެށުމާއެކު ފްލައިޓުތައް ކެންސަލް ކުރަން ފަށައިފިއެވެ.

އިރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލު ގުޅިގެން ހަމަލާ ދޭން ފެށުމާއެކު މުޅި މެދުއިރުމަތި މިވަނީ ހަނގުރާމަ ފެށިފައެވެ.

އިރާނުން ވެސް ރައްދުގައި ހަމަލާ ދޭން ފެށުމާއެކު މެދުއިރުމަތީގެ ވައިގެ ސަރަހައްދުގެ ރައްކާތެރިކަން ކުޑަވެ ބައިނަލްއަގުވާމީ ގިނަ ފްލައިޓުތައް ވަނީ ކެންސަލް ކުރަން ފަށައިފައެވެ.

ކެންސަލްކޮށްފައިވާ ބައެއް ފްލައިޓުތަކަށް ބަލާއިރު، ވިޒް އެއާ އިން ވަނީ އިޒްރޭލާއި ދުބާއީ އަދި އަބުދާބީގެ އިތުރުން ޖޯޑަން އަށް ދަތުރުކުރާ ހުރިހާ ފްލައިޓުތައް ސަސްޕެންޑު ކޮށްފައެވެ.

ލުފްތަންޒާ އިން ވަނީ އެއެއާލައިނުން މިއަދާއި މާދަމާ ދުބާއީ އާއި ތެލްއަވީވްގެ އިތުރުން ބޭރޫތާއި މަސްކަޓަށް ދަތުރުކުރާ ހުރިހާ ފްލައިޓުތައް ކެންސަލް ކުރުމަށް ނިންމައިފައެވެ.

ކޭއެލްއެމް އިން ވެސް ތެލްއަވީވަށް ދަތުރުތައް ކެންސަލް ކޮށްފައިވާ އިރު، އޮމާން އެއާ އިން ވެސް ވަނީ އިރާގަށް ކުރާ ދަތުރުތައް ސަސްޕެންޑުކޮށްފައެވެ.

ރަޝިޔާ އާއި ކުވައިތާއި އިރާގުގެ އިތުރުން އިޒްރޭލުން ވެސް ވަނީ އެގައުމުން ދަތުރު ކުރާ ހުރިހާ ފްލައިޓުތައް ކެންސަލް ކުރުމަށް ނިންމައިފައެވެ.

މެދުއިރުމަތި ހަނގުރާމައެއް ފެށިފައިވާ އިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ ގައުމުތަކުން ވަނީ އެގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކޮށްފައެވެ.