ޕާކިސްތާނާއި އަފްޣާނިސްތާނަކީ ދެކުނު އޭޝިޔާއަށް ނިސްބަތްވާ ދެ ގައުމެވެ. ދެ އަވައްޓެރިންނެވެ. އިސްލާމީ އުއްމަތަށް ނިސްބަތްވާ ދެ ގައުމެވެ. ދެ ގައުމު ހިއްސާކުރާ ބައިނަލްއަގުވާމީ ބޯޑަރު ނުވަތަ އިން ސޯޅަސަތޭކަ ސާޅީސް މޭލަށް ދެމިގެން ގޮސްފައިވެއެވެ. ދެ ގައުމުގެ ސައިޒަށް ބަލާއިރު އަފްޣާނިސްތާނަށްވުރެ ޕާކިސްތާނުގެ ސައިޒު ކުޑަ ތަންކޮޅެއް ބޮޑެވެ. އާބާދީއަށް ބަލާއިރު ޕާކިސްތާނަކީ އަފްޣާނިސްތާނަށްވުރެ ހަތްގުނަ ބައިބޯ ގައުމެކެވެ. ދެ ގައުމުގެ ތަފާތު އެންމެ ބޮޑީ އަސްކަރީ ކެރިކުޅަދާނަ ކަމުގައެވެ. ޕާކިސްތާނަކީ ނިއުކުލިއަރ ބާރެކެވެ. އަސްކަރިއްޔާގެ ސައިޒަށް ބަލާއިރު އެއީ ދުނިޔޭގެ ހަތްވަނައަށް އެންމެ ބޮޑު ބާރެވެ. އަފްޣާނިސްތާނަކީ ދާޚިލީ ހަގުރާމައިގެ ސަބަބުން ވީރާނާ ވެފައިވާ ގައުމެކެވެ. ކަންކަން މިހެން އޮތަސް އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު މިހާރު އެއޮތީ ހަގުރާމައެއް ފެށިފައެވެ. ދެ ގައުމުގެ އިމުގައި ވަރުގަދަ ހަމަލާތަކެއް ދަނީ ބަދަލު ކުރެވެމުންނެވެ. ވަރަށް ގިނަ އަދަދެއްގެ ބަޔަކު ދެފަރާތުންވެސް ވަނީ މަރުވެފައެވެ.
ޕާކިސްތާނުގެ ދިފާއީވަޒީރު ޚަވާޖާ އާސިފު ވަނީ ހުޅުވިފައިވާ ހަގުރާމައެއް ފެށިފައިވާކަން އިއުލާނު ކުރައްވައިފައެވެ. އަނެއްކޮޅުން އަފްޣާނިސްތާނުން ވަނީ ޕާކިސްތާނުގެ ކަރުގައި ހިފާނޭކަމަށާއި މިފަހަރު އެކަށީގެންވާ ބަދަލު ހިފުމަކުން ބަދަލު ހިފާނޭ ކަމަށް ބުނެފައެވެ. ޕާކިސްތާނާއި އަފްޣާނިސްތާނުގެ މެދުގައި ހަގުރާމައެއް ފެށުމުގެ ސިއްރަކީ ކޮބައި ބާވައެވެ. މި ހަގުރާމައިގައި ކުރިލިބުން ގާތީ ކޮން ބަޔަކަށް ބާވައެވެ. ތަފާސްހިސާބުތަކަށް ބެލީމާ ފެންނަނީ އެއްބަޔަކު އަނެއްބަޔަކާ ވަރުން އެޅިގެން ނުވާ ދެ ގައުމެވެ. އަފްޣާނިސްތާނުގައި ނޭވީއަކާއި އެއަރފޯހެއްވެސް ނެތެވެ. އަފްޣާނިސްތާނަކީ ވަށައިގެން ބެދިފައިވާ ގައުމަކަށްވާތީ ނުވަތަ ކަނޑުގެ އައްސޭރިއެއް ލިބިގެންވާ ގައުމަކަށް ނުވާތީ ނޭވީއެއްގެ ބޭނުމެއްވެސް ނެތެވެ. އެކަމަކު އެއަރފޯހަކަށް ބޭނުންވެއެވެ. ހަގުރާމައިގެ ޖެޓްތަކާއި ހެލިކޮޕްޓަރުތައް ހިމެނޭ ބޮޑު ފޯހަކަށް ބޭނުންވެއެވެ. އެކަމަކު އެޒާތުގެ ފޯހެއް ނެތެވެ. އަނެއްކޮޅުން ޕާކިސްތާނަކީ މުޅި ސަރަހައްދުގައިވެސް އޮތް އެންމެ ހުޝިޔާރު އެންމެ އިތުބާރު ވައިގެ ބާރެވެ.
އަފްޣާނިސްތާނުގައި އޮތް އެއްޗަކީ އާރމީއެކެވެ. އެއްގަމުގެ ލަޝްކަރެކެވެ. ގާތްގަޑަކަށް ދެލައްކައެއްހައި މީހުންގެ މައްޗަށް އެކުލެވޭ ލަޝްކަރެކެވެ. އެމީހުންގެ އަތުގައި ޒަމާނީ ހަތިޔާރުތަކެއް ނެތެވެ. މާބައިވަރު ޓޭންކުތަކެއްވެސް ނެތެވެ. ހުރިއްޔާ ހުރީ ސޯވިއެޓް ޒަމާނުގެ ބައު ޓޭންކާއި އަފްޣާނިސްތާނުގެ ކުރީގެ ސަރުކާރުގެ ދުވަސްވަރު އެމެރިކާއިން ދީފައިހުރި އެއްޗެކެވެ. އެއީ ޕާކިސްތާނު ކަހަލަ ގައުމަކާ ދެކޮޅަށް ދިގުދެމިގެންދާ ހަގުރާމައެއް ކުރަން އެކަށީގެންވާ ހަތިޔާރެއް ނޫނެވެ. އަފްޣާނިސްތާނުގައި ހުރި އެއްޗަކީ ބޮޑުބަޑިއާއި މެޝިންބަޑިއެވެ. ދެން ރައިފަލެވެ. ސަރަހައްދީ ރޮގުގެ ކައިރީގައި ތިބެފައި ޕާކިސްތާނުގެ ތެރެއަށް ބޮޑުބަޑިން ހަމަލަދިނުމަކީ ކުރެވިދާނޭ ކަމެކެވެ. ކުރަމުންދާ ކަމެއްވެސް މެއެވެ. ހިސާބަކަށް ޑްރޯން އެބަހުއްޓެވެ. އެތަކެތީގެ ބޭނުން ހިފައިގެންވެސް ސަރަހައްދީ އިމާ ގާތުގައިވާ ޕާކިސްތާނުގެ ތަންތަނަށް ހަމަލާ ދެވިދާނެއެވެ. މިހާރުވެސް އެކަން އެބަކުރެއެވެ. އަފްޣާނިސްތާނުން މައިގަޑު ގޮތެއްގައި ބޭނުންކުރަނީ ބޮޑުބަޑިއެވެ. އާޓިލަރީއެވެ.
ބާރުގެ ތިލަފަތް ބެހިގެންގޮސްފައިވާ ގޮތް ކުރުގޮތަކަށް މި ބަޔާން ކުރެވުނީއެވެ. ދެން އުފެދޭ ސުވާލަކީ ވަރުން އެޅިގެންނުވާ ދެ ގައުމެއް ހަގުރާމަ ކުރާނީ ކޮން ގޮތަކުން ހެއްޔެވެ. އެފަދަ ހަގުރާމައެއް ދިގުދެމިގެން ހިގައިދާނެ ހެއްޔެވެ. މި ސުވާލުތަކަށް ޖަވާބު ދިނުމުގައި ބަލަން ޖެހެނީ އަފްޣާނިސްތާނުގެ ޖިއޮގްރަފީއަށެވެ. މީހުންނާއި ތާރީޚަށެވެ. އަފްޣާނިސްތާނަށް ލިބިގެންވާ އެންމެ ނުރައްކާތެރި އަދި އެންމެ ވަރުގަދަ ހަތިޔާރަކީ އެގައުމުގެ ޖިއޮގްރަފީއެވެ. އުސް ފަރުބަދަތަކާއި ފުން ވާދީތަކުގެ މައްޗަށް އެކުލެވިގެންވާ ގައުމެކެވެ. ގުދުރަތީގޮތުން ދިފާއީ ފާރުތަކެއް ރޭނިފައިވާ ގައުމެކެވެ. އެހެންވީމާ ދުނިޔޭގެ އެއްވެސް ބާރަކަށް އަފްޣާނިސްތާނަށް އަރައި އެގައުމު ހިފައިގެން ތިބުން ފަސޭހައެއް ނޫނެވެ. މިކަން ރަޝިޔާއާއި އެމެރިކާއިންވެސް އަދި އިނގިރޭސިވިލާތުންވެސް ވަނީ ތަޖުރިބާކޮށްފައެވެ. އެހެންވީމާ ޕާކިސްތާނަކުންވެސް އަފްޣާނިސްތާނުގެ ތެރެއަށް ބިންމަތީގެ ބޮޑު ލަޝްކަރެއް ނުފޮނުވާނެއެވެ. އަފްޣާނިސްތާނަކަށް އަރައެއް ނުގަންނާނެއެވެ. ދަންތުރައެއްކަން ކަށަވަރުވާތީއެވެ.
ޕާކިސްތާނުން ކުރާކަމަކީ އަދި ކުރެވޭނެ ކަމަކީ އަފްޣާނިސްތާނުގެ އެކި ސަހަރުތަކަށް ވައިގެ މަގުން ހަމަލަދިނުމެވެ. ވެރިރަށް ކާބުލްއާއި ކަންދަހާރާއި ޖަލާލްއާބާދު ފަދަ ސަހަރުތަކަށެވެ. އެގޮތަށް ވައިގެ ހަމަލަދީގެން ހަލާކުކޮށް ނައްތައިލާނެ މާގިނަ ތަންތަނެއްވެސް ނެތެވެ. މިހާރުވެސް ސުންނާފަތި ވެފައިވާ ގައުމަކަށްވާތީއެވެ. އެކަމަކުވެސް އަފްޣާނިސްތާނަށް ބޮންއަޅަމުން އެބަގެންދެއެވެ. ތާލިބާނުންގެ މަރުކަޒުތައް ކަމަށް ބުނެވޭ މަރުކަޒުތަކަށެވެ. މީގެ އިތުރަށް ދެން ކުރާ ކަމަކީ ސަރަހައްދީ އިން ހުރަސްކޮށް އަފްޣާނިސްތާނުގެ އެތެރެއަށް ވަދެފައި އެކިކަހަލަ ކޮމާންޑޯ އޮޕަރޭޝަންތަކެއް ހިންގައިފައި އަލުން ގައުމަށް ރުޖޫއަވުމެވެ. ޕާކިސްތާނުން ކުރަމުންދާ ހަގުރާމައިގެ ބާވަތަކީ އެއީއެވެ. މިކަންކަމުގެ ރައްދުގައި އަފްޣާނިސްތާނުން ކުރާކަމަކީ ސަރަހައްދީ އިމުގެ އެކި ދިމަދިމާލުން ބޮޑުބަޑިން ޕާކިސްތާނުގެ ތެރެއަށް ހަމަލަދިނުމެވެ. ޕާކިސްތާނުގެ އަވަށްތަކަށެވެ. މިޒާތުގެ ހަމަލާތަކުގައި އާއްމުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މަރުވެއެވެ.
ކޮންމެއަކަސް މި ހަގުރާމައެއް ފެށުމުގެ ޒިންމާ ކޮންމެ ބަޔަކުވެސް އަޅުވަނީ އަނެއް ފަރާތުގެ ބޮލުގައެވެ. ޕާކިސްތާނުން ތުހުމަތު ކުރަނީ ޕާކިސްތާނުގެ ތެރޭގައި ހަރަކާތްތެރިވާ ހަގުރާމަވެރި ޖަމާއަތަކަށް އަފްޣާނިސްތާނުން މަދަދުކުރާ ކަމުގައެވެ. މިއީ އަފްޣާނިސްތާނުން ދޮގުކުރާ ކަމެކެވެ. މި ހަގުރާމަ މިހެން ކުރެވުމަކީ ޚާއްސަކޮށް ޕާކިސްތާނަށް ގެއްލުން ބޮޑު ކަމެކެވެ. އެހެނީ ގިނަ އަދަދެއްގެ ސިފައިންނާއި ހަތިޔާރު އަފްޣާނިސްތާނުގެ ކައިރިއަށް ޖަމާކޮށްގެން ތިބުމަކީ އިންޑިޔާގެ ބޯޑަރު އަމާންވެ އިންޑިޔާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވެއެވެ. އެފަރާތުގައި ޕާކިސްތާނުގެ ބާރު ކުޑަވުމެއް ކަމަށްވެސް ވެއެވެ. ވަރުން އެޅިގެންވިޔަސް ނުވިޔަސް ޕާކިސްތާނާ ދެކޮޅު ހަގުރާމައެއްގައި އަފްޣާނިސްތާނު ޝާމިލް ކުރުމަކީ ޕާކިސްތާނުގެ ބައެއް ހަތުރުން ބޭނުންވާ ކަމެކެވެ. އަދި އެކަން ކުރުމަށް ތާލިބާނުންނަށް ހިތްވަރުދޭ ކަމެއްވެސް މެއެވެ. މި ލިސްޓުގައި އިންޑިޔާ ނުހިމެނޭކަމަށް ބުނަން ދައްޗެވެ. ތާލިބާނުންގެ ފަހަތުގައިވާ ބޮޑު ބާރަކީ އެއްވެސް އޮޅުމެއްނެތި އިންޑިޔާއެވެ.
އިމާދު ލަތީފު
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ